އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވައިފިއެވެ.
އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމަށް ހަމަޖައްސާފައި މިވަނީ ބ. ދަރަވަންދޫއަށް އުފަން މުހައްމަދު ޝުޖާއު އަބްދުއްރަހީމެވެ. އެ މަގާމަށް ޝުޖާއު ހަމަޖައްސާފައި ވަނީ މި ހަފްތާގެ ތެރޭގައެވެ.
އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމަށް ޝުޖާއު ހަމަޖައްސާފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ "ރާއްޖެއެމްވީ"އަށް ކަށަވަރު ކޮށްދެއްވާފައެވެ.
ޝުޖާއުއަކީ ގަތަރު ޔުނިވަސިޓީން ސައެންސް އެންޑް އެޑިޔުކޭޝަންގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެޑިޔުކޭޝަނަލް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ދާއިރާ އިން ޝުޖާއު މާސްޓާޒް ހާސިލްކުރެއްވީ މެލޭޝިއާގެ ޔުނިވާސިޓީ ސައިންސް އެންޑް ޓެކްނޮލިޖީންނެވެ. ޝުޖާއު މިވަގުތު ގެންދަވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގައި ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންނެވެ.
ޝުޖާއު ވަނީ އިސްލާމިކް ޔުނިވަސިޓީގައި އިސް މަގާމުތަކެއް ފުރުއްވާފައެވެ.
އަރަބިއްޔާ ސުކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ޝުޖާއު ހަމަޖައްސާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި ޝެއިހް ނަސްރުﷲ މުސްތަފާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޮޅުވާލައިގެން ހަތަރު މީހަކު ހައްޖަށް ގެންދިޔަ ކަމުގެ ތުހުމަތުގައި މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހު ނަސްރުﷲ ވަނީ ހައްޔަރު ވެސް ކޮށްފައެވެ. އަދި ޖެހިގެން އައި ދުވަހު ޝަރުތުތަކާ އެކު އޭނާ ވަނީ ދޫކޮށްލާފައެވެ. ނަސްރުﷲ ދޫކޮށްލިރު، ކޮށްފައިވާ ޝަރުތުތަކެއް ސާފެއް ނުވެއެވެ.
އޮޅުވާލައިގެން މީހުން ހައްޖަށް ގެންދިޔުމުގެ ތުހުމަތާއި، ސިސިލްފަރު ގްރޫޕްގެ ތައްގަނޑު ފޯޖު ކުރި ކަމުގެ ތުހުމަތު ވެސް ނަސްރުﷲ މައްޗަށް ކުރާއިރު، މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހެކި ހޯދުމަށްޓަކައި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓާއި އަރަބިއްޔާ ސްކޫލް ވެސް ބަލައި ފާސްކޮށްފައެވެ.