އައްޑޫ ސިޓީ ލިންކް ރޯޑުގައި ޑިސެމްބަރު 26 ވަނަ ދުވަހު ހިނގި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި ޕިކަޕް ޑްރައިވަރު ބަނދުން ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ 33 އަހަރުގެ ޑްރައިވަރު ފުލުހުންގެ ބަންދުން ދޫކޮށްލާފައި ވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން ކަމަށެވެ.
މި އެކްސިޑެންޓާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ކަމަށެވެ. އަދި ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު އޭނާގެ ބަންދަށް ހަ ދުވަސް ވަނީ ޖަހާފަ އެވެ.
އެ އެކްސިޑެންޓް ހިނގަން ދިމާވީ ސައިކަލަކާއި ޕިކަޕެއް ޖެހިގެންނެވެ. އަދި އެކްސިޑެންޓްގައި އަނިޔާ ލިބުނު 14 އަހަރުގެ ފިރިހެން ކުއްޖާ ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައެވެ. މަރުވެފައި ވަނީ ގދ. ވާދޫ ނެސްޓް، އަރުޝަމް އިބްރާހިމެވެ.
މީގެ އިތުރުން އެކްސިޑެންޓުގައި އަނިޔާ ލިބުނު އުމުރުން 21 އަހަރު ޒުވާނާ ވަނީ އައްޑޫ ސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން އިތުރު ފަރުވާ އަށް އައިޖީއެމްއެޗަށް ފޮނުވާލާފައެވެ.
މި ޒުވާނާގެ ބޯ ފަޅައިގެން ގޮސްފައިވާ އިރު ދެ ފައިވެސް ބިންދައިގެން ގޮސްފައިވެއެވެ.