ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުންނެވީ ގޭ ބަންދުކޮށްފަ ކަމަށާއި އެމަނިކުފާނު މިނިވަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި ގުޅިފައިވާ އިދިކޮޅު ފަރާތްތަކުގެ ތަރުޖަމާނު އަހުމަދު މަހުލޫފް ގޮވާލައްވައިފިއެވެ.
ރައީސް މައުމޫން މިނިވަން ކުރެއްވުމަށް މަހުލޫފް ގޮވާލެއްވީ، އިންޓެލް ރިޕޯޓަކާ ގުޅިގެން ކަމަށް ބުނެ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅާއި އެމަނިކުފާނުގެ ސަލާމަތީ ކަންކަން ކުއްލި ގޮތަކަށް ސިފައިން ބަލަހައްޓާ ވަރުގަދަ ކޮށްފައި ވަނިކޮށެވެ.
Raees @maumoonagayoom under house-arrest #FreeRaeesMaumoon @Raajje_tv @Mihaarunews @vaavu @vfp_mv @avasmv @Sangu_tv @sunbrk https://t.co/ZcP9lIv48X
— Ahmed Mahloof (@AhmedMahloof) January 9, 2018
މަހުލޫފު ވިދާޅުވި ގޮތުގައި ރައީސް މައުމޫންގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ކަމަށް ބުނެ ކޯޓު އަމުރެއް ވެސް ނެތި އެމަނިކުފާނު ގޭ ބަންދު ކުރައްވާފައި ވަނީ ސިޔާސީ އިދިކޮޅު އެހެންލީޑަރުންނާ އެއްގޮތަށް އެމަނިކުފާނު ޖަލުގައި ބަންދުކުރުމަށް މި ސަރުކާރަށް ނުކެރޭތީ ކަމަށެވެ.
މަހުލޫފް ވިދާޅުވި ގޮތުގައި އެއީ ހުކުމެއް ނެތި ގޭބަންދުކުރުން ކަމަށާއި މި ދުވަސްވަރަކީ ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިހާބަށް ބާރު ސްޕީޑްގައި މަސައްކަތް ކުރަމުންދާ ދުވަސްވަރެއް ކަމުން، އެކަމަށް ހުރަސް އެޅުމުގެ ގޮތުން ސަރުކާރުގެ ހީލަތްތެރި ރޭވުމުގެ ދަށުން ކުރަމުންދާ ކަމެއް ކަމަށެވެ.
ނަން ހާމަނުކުރުމަށް ޝަރުތުކޮށް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫންގެ އަރިސް ބޭފުޅަކު ވިދާޅުވި ގޮތުގައި މިހާރު 24 ގަޑިއިރު އެންދެރިމާގޭގެ ސެކިއުރިޓީ ބަލަހައްޓަން ސިފައިންގެ ދެ މީހުން ތިބޭ ކަމަށާއި، ރައީސް މައުމޫނާއި ބައްދަލުކުރައްވަން އެ ގެއަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކެއްގެ ނަން އެމްއެންޑީއެފުން ނޯޓުކުރާ ކަމަށެވެ. އަދި އެންދެރިމާގެއަށް ވަދެވެނީ އެމްއެންޑީއެފުން ބަލާ ފާސްކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
ކުއްލި ގޮތަށް އެމްއެންޑީއެފުން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ވަރުގަދަ ކުރަންޖެހޭ ސަބަބެއް ނޭނގޭ ކަމަށާއި، އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ކަމަށް ބުނެ އެންދެރިމާގެއަށް ވަންނަ ކޮންމެ މީހެއްގެ ނަން ނޯޓް ކުރަނީ، ރައީސް މައުމޫން ބައްދަލުކުރައްވަނީ ކޮން ބޭފުޅުންނަކާތޯ ބެލުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ދުވަސްވަރަކީ ރައީސް މައުމޫން އިދިކޮޅު ކެންޑިޑޭޓެއް ކަނޑައެޅުމަށް މަޝްވަރާ ފަށާފައިވާ ދުވަސްވަރު ކަމަށް ވުމުން، އިދިކޮޅު ފަރާތްތަކާއި ރައީސް ޔާމީން ސަރުކާރުގެ އިސް ބޭފުޅުން ވެސް ރައީސް މައުމޫނާއި ބައްދަލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅަށް ވަންނަ މީހުންގެ ނަން ނޯޓުކުރަން ސިފައިން ފަށާފައިވާއިރު، އެމަނިކުފާނު ރައީސް ޔާމީނަށް ކުރައްވާ ތާއީދު އަނބުރާ ގެންދެވުމުން، އެމަނިކުފާނަށް ދީފައިވާ ސެކިއުރިޓީގެ މިންވަރު ސަރުކާރުން ދަށްކުރިއެވެ. އަދި ބޮޑީގާޑުންގެ އަދަދު މަދުކޮށް، އެމަނިކުފާނު ދަތުރުކުރައްވާ ކާރުކޮޅާ އެކު ދަތުރުކުރާ ސެކިއުރިޓީ ކާރު ވެސް ސިފައިން ނެގިއެވެ.
އެހެންނަމަވެސް މިކަމާ ގުޅިގެން އެމްއެންޑީއެފުގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.