ލ. ކަލައިދޫގައި ބްލެކްމެއިލްކުރި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ރާއްޖެ އެމްވީ"އަށް އަންގާރަ ދުވަހު ވިދާޅުވީ ލ. ކަލައިދޫގައި ބްލެކްމެއިލްކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ހޯމަ ދުވަހު 24 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ މިމައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އޭނާގެ ބަންދުގެ މުއްދަތު 15 ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް މީޑިއާ އޮފިޝަލް ނުދެއްވިއެވެ.
އެރަށު މީހަކު "ރާއްޖެއެމްވީ"އަށް ކިޔާދިން ގޮތުގައި މި މައްސަލައެއް ހިނގައިގެން އުޅެނީ އެއްބަނޑު އެއްބަފާ ދެ މީހެއްގެ ދެ ދަރިން (ދެބެންގެ ދެދަރި)ގެ ދެމެދުގައެވެ. އެތަނުން އެއްކުއްޖަކީ 17 އަހަރުގެ އަންހެން ކުއްޖެއް ކަމަށާއި އަނެކަކު އެއީ ފުލުހުން ހައްޔަރު ކޮށްފައިވާ 24 އަހަރުގެ ފިރިހެން މީހާ ކަމަށް އޭނާ ބުންޏެވެ.
އެ ރަށުން ވާހަކަ ދެއްކި މީހާ ބުނީ އަންހެން ކުއްޖާ ގެންދިޔައީ ސައިކަލު ދުއްވާލަން ކަމަށް ބުނެ ކަމަށެވެ. ސައިކަލްގައި ދިޔައީ އިސްދޫއާ ދިމާލަށް ކަމަށާއި އައި މަގުމަތީގައި ދަނޑުވެރިކަން ކުރާ ސަރަހައްދަކަށް ވަދެ އެ އަންހެން ކުއްޖާއާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގައި، އަދި ބަރަހަނާ ފޮޓޯ ނަގައި ބްލެކްމެއިލް ކުރީ ކަމަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.