ޤަތަރާއި ދެކޮޅަށް ސަޢޫދީ ޢަރަބިއްޔާ އިސްވެ އޮވެ ގަލްފްގެ ޤައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ޤާނޫނާއި ޚިލާފު ފިޔަވަޅުތަކެއްކަން އދ.ގެ އިންސާނީ ހައްޤުތަކާބެހޭ ހައިކޮމިޝަނަރުގެ އޮފީހުން ނެރުނު ރިޕޯޓުން އެނގޭކަމަށް ޤަތަރުން ބުނެފިއެވެ.
2017ވަނަ އަހަރުގެ ޖޫން މަހު ސަޢޫދީ އިސްވެ އޮވެ ގަލްފްގެ ބައެއް ޤައުމުތަކުންނާއި ދިވެހި ރާއްޖެއިން ސަޢޫދީއާއެކު އޮންނަ ސިޔާސީ، އިޤްތިޞާދީ އަދި ދަތުރުފަތުރުގެ ގުޅުން ކަނޑާލާފައިވަނީ ޤަތަރުން ޓެރަރިޒަމަށް ހިތްވަރުދޭކަމަށް ބުނެއެވެ. އެއާއި ގުޅިގެން 2017ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އދ.ގެ އިންސާނީ ހައްޤުތަކާއި ބެހޭ ހައިކޮމިޝަނަރުގެ އޮފީހުގެ ވަފުދެއް ޤަތަރަށް ގޮސް، އެޤައުމުގެ ސަރުކާރާއި މަދަނީ ޖަމްއިއްޔާތަކާއި ބައްދަލުކޮށްފައިވެއެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އަސަރުކޮށްފައިވާ ބައެއް ފަރާތްތަކާއިވެސް އދގެ ޓީމުން ބައްދަލުކުރިއެވެ.
ނޮވެމްބަރު 17 އިން 24 އަށް ކުރި މިޒިޔާރަތާބެހޭ ރިޕޯޓުގެ ކޮޕީއެއް އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ހައި ކޮމިޝަނަރުގެ އޮފީހުން ޤަތަރުގެ އިންސާނީ ހައްޤުތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޤަތަރުގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލްގެ ވެރިޔާ އަލީ ބިން ސާމިހް އަލް މައްރީ ވިދާޅުވީ އދ.ގެ ރިޕޯޓުންވެސް، ސަޢޫދީއާއި އެޤައުމާއި ގުޅިފައިވާ ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކަކީ ޣައިރު ޤާނޫނީ ފިޔަވަޅުތަކެއްކަން އެނގެއެވެ. މިއީ ހަމައެކަނި ޤަތަރާއެކު އޮންނަ ގުޅުން ކަނޑައިލުމުގެ ނުވަތަ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ އަމަލެއް ނޫން ކަމަށާއި، މިއީ ޤަތަރުގެ ރައްޔިތުންނާއި ޤަތަރުގައި ދިރިއުޅެމުންދާ ބޭރު ޤައުމުތަކުގެ މީހުންނާއި ދެކޮޅަށް ހިންގާ ޖަރީމާއެއްކަމަށް އަލްމައްރީ ސިފަކުރެއްވިއެވެ. އދގެ ރިޕޯޓްގައި ޤަތަރާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިންސާނީ ހައްޤުތަކަށް އަސަރުކުރާކަމަށް ފާހަގަކޮށްފައިވާކަމަށް މައްރީ ވިދާޅުވިއެވެ.
ޤަތަރުން ސަޢޫދީގެ އަމަލުތައް ސިފަކޮށްފައި ވަނީ އިޤްތިޞާދީ ހަނގުރާމައެއްގެ ގޮތުގައެވެ.
ޤަތަރުގެ އިންސާނީ ހައްޤުތަކާއި ކޮމިޓީގެ ވެރިޔާ އަލީ ބިން ސާމިހް އަލް މައްރީއާއި ޙަވާލާދީ އަލްޖަޒީރާއިން ބުނީ އދގެ އިންސާނީ ހައްޤުތަކާބެހޭ ހައިކޮމިޝަނަރުގެ އޮފީހުން، ޤަތަރާއި ދެކޮޅަށް ފިޔަވަޅު އެޅި ޤައުމުތަކަށްވެސް ޒިޔާރަތްކުރުމަށް އެދުނުކަމަށާއި، އެހެން ނަމަވެސް އެޤައުމުތަކުން އދ.ގެ އެދުމަށް އިޖާބަދީފައިނުވާކަމަށެވެ.
ސަޢޫދީއާއި ބައިވެރިގެން ޤަތަރާއެކު އޮންނަ ގުޅުން ކަނޑާލި ޤައުމުތަކަކީ ބަޙްރައިން، މިސްރު، ޔޫއޭއީ އަދި ދިވެހިރާއްޖެއެވެ.