ކ. މާލެ
|
9 ޖެނުއަރީ 2018 | އަންގާރަ 08:23
މަޝްވަރާތަކަށް ވަޑައިގަތުމުގެ ކުރިން ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓަރ ނޫސްވެރިންނާއި ބައްދަލުކުރައްވަނީ
މަޝްވަރާތަކަށް ވަޑައިގަތުމުގެ ކުރިން ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓަރ ނޫސްވެރިންނާއި ބައްދަލުކުރައްވަނީ
ބްލޫމްބާރްގް
އުތުރު ކޮރެއާ - ދެކުުނު ކޮރެއާ
ދެ ކޮރެއާގެ މެދުގައި ވާހަކަތައް ފަށައިފި
މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ އުތުރު ކޮރެއާއިން އޮލިމްޕިކްސްގައި ބައިވެރިވުމާއި ގުޅޭ ގޮތުން

ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާގެ ދެމެދު ވާހަކަތައް ފަށައިފިއެވެ.

ރާއްޖެ ގަޑިން އަންގާރަ ދުވަހުގެ ހެނދުނު 6:00 ގައި ފެށި ވާހަކަތަކުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ފެބްރުއަރީ 9ގައި ދެކުނު ކޮރެއާގެ ޕިޔޮންގްޗެންގްގައި ފަށާ ފިނި މޫސުމުގެ އޮލިމްޕިކްސްގައި އުތުރު ކޮރެއާގެ އެތުލީޓުން ބައިވެރިކުރުމާއި ގުޅޭ ގޮތުންނެވެ.

ވާހަކަތައް ކުރިއަށްދަނީ ދެކޮރެއާ ގުޅޭ ސަރަހައްދީ ރޮނގުގައި އދގެ ކޮންޓްރޯލްގެ ދަށުގައިވާ ޑީމިލިޓަރައިޒްޑް ޒޯންގައި، ޕަންމުންޖޮމްގައެވެ.

ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓަރ ޗޯ މިޔޮންގް-ގްޔޮން ވާހަކަތަކުގެ ކުރިން ވިދާޅުވީ ދެކޮރެއާ ދެމެދު ކުރެވޭ މަޝްވަރާތަކަށް ގިނަ ބައެއްގެ ސަމާލުކަން އެތެރެއާއި ބޭރުން ލިބިފައިވާކަމަށެވެ. އަދި މިވާހަކަތަކާއިއެކު ޕިޔޮންގްޗެންގް އޮލިމްޕިކްސްއާއި ޕެރެލިމްޕިކްސް ކާމިޔާބުކަމާއިއެކު ކުރިއަށް ގެންގޮސް، ދެކޮރެއާގެ ގުޅުން ބަދަހިކުރުމަށް އުއްމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

މފެށުނު މަޝްވަރާތަކުގެ ތެރެއިން އޮލިމްޕިކްސްގެ އިތުރުން އެހެން ބައެއް ކަންކަމާއިމެދުވެސް ދެޤައުމުގެ މެދުގައި މަޝްވަރާކުރުމަށް ދެކުނު ކޮރެއާއިން ބޭނުންވެއެވެ. ޚާއްސަކޮށް ދެކޮރެއާގައި ތިބި އާއިލާތަކަށް އެއް ބަޔަކު އަނެއް ބަޔަކާއި ބައްދަލުކުރެވޭނެ މަގު ފަހުކުރުމަށް ވާހަކަތައް ބޭއްވުމަށް ދެކުނު ކޮރެއާއިން ބޭނުންވެއެވެ.

ދެކޮރެއާ ދެމެދު އަލުން ވާހަކަތައް މިފެށުނީ އައު އަހަރުގެ މެސެޖްގައި ދެކޮރެއާގެ ދެމެދުގައި ވާހަކަތައް ފަށައި، އޮލިމްޕިކްސްގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ހުރިކަމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވިދާޅުވުމާއި  ގުޅިގެންނެވެ.

ދެކޮރެއާގެ ވާހަކަތަކުގެ ކުރިން ހޯމަ ދުވަހުގެ ރޭ އެމެރިކާގެ ދިފާޢީ ވަޒީރު ޖޭމްސް މެޓިސްވަނީ ޖަޕާނުގެ ދިފާޢީ ވަޒީރު އިޓްސުނޯރީ އޮނޮޑޭރާ އާއި ފޯނުން ވާހަކަ ދައްކަވާފައެވެ. އުތުރު ކޮރެއާއަށް ޕްރެޝަރުކުރުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިކަމަށް އެމެރިކާގެ ދިފާޢި ވުޒާރާ ޕެންޓަގަންއިން ބުނެއެވެ. އެދެބޭފުޅުންގެ މަޝްވަރާތަކުގައި ދެކޮރެއާގެ ވާހަކަތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިކަމަކަށް ޕެންޓަގަންއިން ނުބުނެއެވެ.

ދެ ކޮރެއާގެ ދެމެދު ވާހަކަތައް ކުރިއަށްދާ ވަގުތު ދެކުނު ކޮރެއާގެ ރައީސް މޫން ޖައެ-އިން އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަގުތުން ވާހަކަތައް އަޑު އައްސަވަމުން ގެންދަވާނެކަމަށް ދެކުނު ކޮރެއާގެ އޮފިޝަލަކާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކުރެއެވެ.

ސުލްހަވެރިކަމާއިއެކު ފިނި މޫސުމުގެ އޮލިމްޕިކްސް ކުރިއަށްގެންދިޔުމުގެ ބޭނުމުގައި ދެކުނު ކޮރެއާއިން ވަނީ އެމެރިކާއާއި ގުޅިގެން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތައް އަންނަ އެޕްރީލް މަހަށް ފަސްކޮށްފައެވެ.

- ކޮމެންޓް