އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެންކަމަށް ބުނެ، ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ އެމްއެންޑީއެފުން ބަލަހައްޓަން ފަށައިފިއެވެ.
ނަން ހާމަނުކުރުމަށް ޝަރުތުކޮށް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫންގެ އަރިސް ބޭފުޅަކު ވިދާޅުވީ ހޯމަ ދުވަހުން ފެށިގެން ރައީސް މައުމޫން މިހާރު ދިރިއުޅުންވާ ގެކޮޅުކަމަށްވާ އެންދެރިމާގޭގެ ސެކިއުރިޓީ އެމްއެންޑީއެފުން ބަލަހައްޓަން ފަށާފައިވާކަމަށެވެ. ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ އެމްއެންޑީއެފުން ބަލަހައްޓަން ފެށީ އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ކަމަށް އެމްއެންޑީއެފުން ބުނިކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް މިކަމާއި ގުޅިގެން އެމްއެންޑީއެފުގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވި ގޮތުގައި މިހާރު 24 ގަޑިއިރު އެންދެރިމާގޭގެ ސެކިއުރިޓީ ބަލަހައްޓަން ސިފައިންގެ ދެމީހުން ތިބޭކަމަށާއި، ރައީސް މައުމޫނާއި ބައްދަލުކުރައްވަން އެ ގެއަށް ޒިޔާރަތް ކުރައްވާ ހުރިހާ ބޭފުޅުންގެ ނަން އެމްއެންޑީއެފުން ނޯޓު ކުރާ ކަމަށެވެ. އަދި އެންދެރިމާގެއަށް ވަދެވެނީ އެމްއެންޑީއެފުން ބަލާ ފާސްކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
ކުއްލި ގޮތަށް އެމްއެންޑީއެފުން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ވަރުގަދަ ކުރަންޖެހޭ ސަބަބެއް ނޭނގޭ ކަމަށާއި، އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެންކަމަށް ބުނެ އެންދެރިމާގެއަށް ވަންނަ ކޮންމެ މީހެއްގެ ނަން ނޯޓް ކުރަނީ ރައީސް މައުމޫން ބައްދަލުކުރައްވަނީ ކޮން ބޭފުޅުންނަކާއިތޯ ބެލުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ދުވަސްވަރަކީ ރައީސް މައުމޫން އިދިކޮޅު ކެންޑިޑޭޓެއް ކަނޑައެޅުމަށް މަޝްވަރާ ފަށާފައިވާ ދުވަސްވަރުކަމަށް ވުމުން، އިދިކޮޅު ފަރާތްތަކާއި ރައީސް ޔާމީން ސަރުކާރުގެ އިސް ބޭފުޅުންވެސް ރައީސް މައުމޫނާއި ބައްދަލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅަށް ވަންނަ މީހުންގެ ނަން ނޯޓުކުރަން ސިފައިން ފަށާފައިވާއިރު، އެމަނިކުފާނު ރައީސް ޔާމީނަށް ކުރައްވާ ތާޢީދު އަނބުރާ ގެންދެވުމުން، އެމަނިކުފާނަށް ދީފައިވާ ސެކިއުރިޓީގެ މިންވަރު ސަރުކާރުން ދަށްކުރިއެވެ. އަދި ބޮޑީގާޑުންގެ އަދަދު މަދުކޮށް، އެމަނިކުފާނު ދަތުރުކުރައްވާ ކާރުކޮޅާއި އެކު ދަތުރުކުރާ ސެކިއުރިޓީ ކާރުވެސް ސިފައިން ނެގިއެވެ.