އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އަންނި) ނޫން ބޭފުޅަކު ނުވާނެ ކަމަށާއި، އެ ޕާޓީ އުޅެނީ އެވޭލާ ޒަމާނުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ވެރިކަންކުރާ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެރޭ ނިހާން މިހެން ވިދާޅުވެފައިވަނީ ހޮނިހިރު ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ދެއްކެވި ވާހަކަފުޅަކަށް ރައްދުދެއްވައެވެ.
އެމްޑީޕީއިން ބޭނުންވަނީ ރައީސް ނަޝީދު ވެރިކަމަށް ގެނައުމަށް ކަމަށް ނިޒާރު ވިދާޅުވި ބަސްފުޅަށް ރައްދުދެއްވައި ނިހާން ވިދާޅުވެފައިވަނީ "އެމްޑީޕީއަކަށް އަންނި ނޫން މީހަކު ނުވާނެ" ކަމަށާއި، ނިހާން އަބަދުވެސް އެގޮތަށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ.
މީގެ އިތުރުން، ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށްފަހު، އެބޭފުޅުން ރައީސް ޢަބްދުﷲ ޔާމީންވެސް ހޮވާފައިވާ ކަމަށް ވިދާޅުވެ، ނިހާން ވަނީ އެމްޑީޕީ އަދިވެސް އުޅެނީ އެވޭލާ ޒަމާނުގައި ކަމަށް ވިދާޅުވެފައެވެ.
Ma Abadhuves Bunameh nun, MDP akah Anni Noon meehaku nuvaane ey, Aharumen MAG ah fahu, YAMIN ves Hovaifin. MDP hama Eveylaa Zamaanuga ? https://t.co/qKauPI9jpn
— Ahmed Nihan (@ahmed_nihan) January 8, 2018
އެމްޑީޕީން ރިޔާސީ ރޭހަށް ނެރޭނެ ދެވަނަ ކެނޑިޑޭޓެއް ނެތް ކަމަށް ވިދާޅުވެ ނިހާން އެމްޑީޕީއަށް ފާޑު ވިދާޅުވިއިރު، ނަފްސު ކަތިލިޔަސް، ޕީޕީއެމްގެ ފުރަތަމަ ރިޔާސީ ކެނޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ބަލިވިޔަ ނުދޭނެކަމަށް ވިދާޅުވެ ނިހާން ވަނީ ވާހަކަފުޅު ދައްކަވާފާއެވެ.