އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދުވާލުގެ ގިނަ ވަގުތު ހޭދަކުރައްވަނީ ޓީވީ ބެއްލެވުމުގަޔާއި ޓްވިޓަރގައި ކަމަށް އެމަނިކުފާނުގެ ޕްރައިވެޓް ޝެޑިއުލްއިން ހާމަވެއްޖެއެވެ.
އެގްޒިއޯސް ނިއުސްއަށް ލިބިފައިވާ ޝެޑިއުލްއެއްގައިވާ ކަންތައްތައް، ވައިޓް ހައުސްއިން އާއްމުކުރާ ޓްރަމްޕްގެ ޝެޑިއުލްއާ ވަރަށް ބޮޑަށް ތަފާތެވެ.
ޓްރަމްޕް ވައިޓް ހައުސްގައި އެމަނިކުފާނު ދިރިއުޅުއްވާ ތަނުން، އޯވަލް އޮފީހަށް ގިނައިން ވަޑައިގަންނަވަނީ ހެނދުނު 11 ޖަހާއިރުއެވެ. ވައިޓް ހައުސްގެ ރަސްމީ ޝެޑިއުލްގައި ރައީސް ޓަރަމްޕް ހެނދުނު 8:00 އިން 11:00 އަށް 'އެގްޒެކެޓިވް ޓައިމް' ހޭދަކުރައްވާ ކަމަށް ލިޔެފައި އޮތް ނަމަވެސް، އެގަޑިއަކީ އެމަނިކުފާނު ޓްވީޓްކުރައްވައި، ޓީވީ ބައްލަވާ ވަގުތު ކަމަށް ވެއެވެ. އަދި އާއްމުކޮށް 11 ޖަހާއިރު ދުވަހުގެ ރަސްމީ މަސައްކަތްތައް ފައްޓަވަނީ އެގަޑީގައި އޮންނަ އިންޓެލިޖެންސް ބްރީފިންއަކަށް ފަހު ކމަށް މި ތާވަލުން އެނގެއެވެ.
ޓްރަމްޕް 11:00 ގައި މަސައްކަތް ފައްޓަވާއިރު، ދުވަހުގެ ރަސްމީ މަސައްކަތްތައް 6:00 ގައި ނިންމަވާލައްވައެވެ. އަދި އެދެމެދުގައި ވަރަށް ގިނަ ބްރޭކް ނަންގަވައެވެ. ރަސްމީ ގަޑީގައި ވެސް މަދު ބައްދަލުވުންތަކެއް ބާއްވާއިރު، ރަސްމީ ގަޑީގެ ގިނަ ވަގުތުތަކެއް އޯވަލް އޮފީހާއި އިންވެގެން ހުންނަ ޑައިނިން ރޫމްގައި ޓީވީ ބައްލަވައި، ފޯންކޯލްތައް ކުރައްވަން އިންނަވައެވެ.
ޓަރަމްޕްގެ ދުވަސް ހޭދަވާ ގޮތުގެ ބައެއް މިސާލު
ނިމިގެން ދިޔަ ހަފްތާގެ އަންގާރަ ދުވަސް ޓްރަމްޕް ފެއްޓެވީ ހެނދުނު 11:00 ގައި ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ޖެނެރަލް ޖޯން ކެލީއާ އެކު ބޭއްވެވި ބައްދަލުވުމަކުންނެވެ. އެ އަށް ފަހު އެގްޒެކެޓިވް ޓައިމްގެ އެއް ގަޑިއިރު ހޭދަކުރެއްވުމަށް ފަހު މެންދުރު ކެއުމަށް އެއް ގަޑިއިރު ހޭދަކުރެއްވިއެވެ. އަދި އެއް ގަޑިއިރާއި 15 މިނެޓް ރަސްމީ މަސައްކަތް ކުރެއްވުމަށް ފަހު ޤައުމީ ސަލާމަތާއި ބެހޭ މުޝީރު އެޗް.އާރް މެކްމާސްޓަރއާ އެކު 45 މިނެޓްގެ ބައްދަލުވުމެއް ބޭއްވެވިއެވެ. އަދި އެ އަށް ފަހު 15 މިނެޓްގެ އެގްޒެކެޓިވް ޓައިމްއަށް ފަހު 3:45 ގައި ވައިޓް ހައުސްގެ އިސް އޮފިޝަލަކާ އެކު ބައްދަލުކުރެއްވިއެވެ. އަދި 4:15 ގައި ރަސްމީ މަސައްކަތްތައް ނިންމަވާލެއްވުމަށް ފަހު ޕްރައިވެޓް ރެޒިޑެންސްއަށް ވަޑައިގެންނެވިއެވެ.
ބުދަ ދުވަހު 11 ޖެހިއިރު އިންޓެލިޖެންސް ބްރީފިންއަށް ފަހު 2:00 ގައި ނޯވޭގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުމާ ހަމަޔަށް ޓަރަމްޕް އިންނެވީ އޯވަލް އޮފީހުގައެވެ. އަދި ދުވަސް ނިންމަވާލެއްވީ 4:00ގައި ޓީވީ އިންޓަރވިއުއެއް ދެއްވާފައެވެ.
ބުރާސްފަތި ދުވަހު 11:00 ގައި އޮތީ ސިޔާސަތާ ބެހޭ ބައްދަލުވުމެކެވެ. އަދި 12 ޖެހިއިރު އެގްޒެކެޓިވް ޓައިމް އަށް ފަހު އެއް ގަޑިއިރުގެ ލަންޗް ބްރޭކެއް ނެންގެވިއެވެ. އަދި 1:30 އިން ފެށިގެން އޮތީ އެގްޒެކެޓިވް ޓައިމްއެވެ.
ޓްރަމްޕްގެ ބައްދަލުވުންތަކުގެ އަދަދު މަދުވި ނަމަވެސް، ވެރިކަމުގެ ކުރީކޮޅު ގެންގުޅުއްވީ ވަރަށް ބާރު ބޮޑު ޝެޑިއުލްއެކެވެ. އަދި ހެނދުނު ވެސް އެކި ބައްދަލުވުންތައް ބާއްވަވައެވެ. ޓްރަމްޕުގެ ބައްދަލުވުންތަކުގެ އަދަދު މަދުވެ، ޓީވީ ބައްލަވަން ހޭދަކުރައްވާ ވަގުތާއި ޓްވިޓަރގައި ހޭދަކުރައްވާ ވަގުތު ގިނަ ކުރެއްވި ނަމަވެސް، ވައިޓް ހައުސްގެ އޮފިޝަލުން ބުނަނީ ޓްރަމްޕް އަދިވެސް އުޅުއްވަނީ ވަރަށް ބިޒީ ޝެޑިއުލްއެއްގައި ކަމަށެވެ.
ޓްރަމްޕްގެ ތަރުޖަމާނު ސާރާ ހަކަބީ ސެންޑަރސް ވިދާޅުވީ ހެނދުނު ގަޑީގައި ޕްރައިވެޓް ރެޒިޑެންސްގެ އިތުރުން އޯވަލް އޮފީހުގައި ވެސް ޓްރަމްޕް މަސައްކަތްކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނާކީ އެކަމަނާގެ ހަޔާތުގައި ވެސް ފެނުނު އެންމެ ބުރަކޮށް މަސައްކަތްކުރައްވާ ބޭފުޅާ ކަމަށް ސާރާ ހަކަބީ ސޭންޑަރސް ވިދާޅުވިއެވެ. އަދި ޓްރަމްޕްގެ ޝެޑިއުލްގެ ބާރު ބޮޑުކަމުން އެމަނިކުފާނާއި އެއް ހަމައެއްގައި ހިފަހައްޓާލުމަށް ނޫސްވެރިންނަށް އުނދަގޫވެގެން އެވާހަކަ ދައްކާ ކަމަށް ވެސް ސޭންޑަރސް ވިދާޅުވިއެވެ.
ޓްރަމްޕްގެ ކުރިން ވެރިކަން ކުރެއްވި ބަރަކް އޮބާމާ އާއްމުކޮށް އޯވަލް އޮފީހަށް ވަޑައިގަންނަވަނީ ކަސްރަތު ކުރެއްވުމަށް ފަހު 9:00 އާއި 10:00 އާ ދެމެދުއެވެ. އަދި އޮބާމާގެ ކުރިން ޖޯޖް ޑަބްލިޔު ބުޝް އޯވަލް އޮފީހަށް ވަޑައިގަންނަވަނީ ފަތިހު 6:45 ގައެވެ.