ކ. މާލެ
|
9 ޖެނުއަރީ 2018 | އަންގާރަ 00:58
ސޫދާނުގައި މީހަކު ނޫސް ވިއްކަނީ
ސޫދާނުގައި މީހަކު ނޫސް ވިއްކަނީ
ރޮއިޓަރސް
ނޫސްވެރިކަމުގެ މިނިވަންކަން
ޕާނުގެ އަގުމަތިވި ވާހަކަ ލިޔުމުން ބާޒާރަށް ނެރުނު ހުރިހާ ނޫހެއް ސަލާމަތީ ބާރުތަކުގެ އަތްދަށަށް!
6 ނޫހެއްގެ ހުރިހާ ކޮޕީއެއް ވަނީ ހިފަހައްޓާފައި

ސޫދާނުގެ ބާޒާރުގައި ޕާނުގެ އަގުބޮޑުވުމާއި ގުޅިގެން ސަރުކާރަށް ފާޑުކިޔައި ޚަބަރު ލިޔުނު ހަ ނޫހަކުން ބާޒާރަށް ނެރުނު އެ ނޫސްތަކުގެ ހުރިހާ ކޮޕީއެއް އެ ޤައުމުގެ ސަލާމަތީ ބާރުތަކުގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ސޫދާނަށް ފުށުގެ ބާވަތްތައް އެތެރެކޮށް އޭގެ ވިޔަފާރިކުރުމުގެ ބާރު ޕްރައިވެޓް ކުންފުނިތަކުގެ އަތްމައްޗަށް މުޅިން ދޫކޮށްލުމަށް އެ ޤައުމުގެ ސަރުކާރުން ނިންމުމާއި ގުޅިގެން އެ ޤައުމުގައި ފުށާއި، ފުށުގެ އުފެއްދުންތަކުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. ސަރުކާރުގެ ނިންމުމަށްފަހު ޚާއްސަކޮށް ޕާނުގެ އަގު އުފުލިފައިވާއިރު، ވޭތުވެދިޔަ ހަފްތާގައި އެކަނިވެސް ޕާނުގެ އަގު ވަނީ ދެގުނައަށް އުފުލިފައެވެ.

ފުށާއި ފުށުން އުފައްދާ ބާވަތްތަކުގެ އަގު އުފުލުމާއި ގުޅިގެން ނޫސްތަކާއި، އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑު ކިޔާފައެވެ. އަދި އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ ސަރުކާރުގެ ނިންމުމާއި ދެކޮޅަށް މުޅި ޤައުމުގައި މުޒާހަރާ ކުރުމަށް ގޮވާލާފައެވެ.

ސަރުކާރަށް ފާޑު ކިޔުމާއި ގުޅިގެން ސޫދާންގެ ނޭޝަނަލް އިންޓެލިޖެންސް އެންޑް ސެކިއުރިޓީ ސަރވިސްއިން ވަނީ އާދީއްތަ ދުވަހު ބާޒާރަށް ނެރުނު 6 ނޫހެއްގެ ހުރިހާ ކޮޕީތައް އެފަރާތުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ނޫސްތަކުގެ ތެރޭގައި ހިމެނެނީ އަލް ތަޔާރް، އަލް މުސްތަޤިއްލާ، އަލް ކަރާރް، އަލް މިދާން އަދި އަލް އައްސޭހާގެ އިތުރުން އަޚްބާރް އަލް ވަތަންއެވެ.

މީގެ ތެރެއިން އަޚްބާރް އަލް ވަތަން އަކީ އިދިކޮޅު ސޫދާނީޒް ކޮންގްރެސް ޕާޓީން ހިންގާ ނޫހެކެވެ. އަދި އަލް މިދާން އަކީ އިދިކޮޅު ކޮމިއުނިސްޓް ޕާޓީން ހިންގާ ނޫހެކެވެ. ބާކީ ހަތަރު ނޫހަކީ މިނިވަން، ނަމަވެސް އާންމުކޮށް ސަރުކާރަށް ފާޑުކިޔާ ނޫސްތަކެކެވެ.

އާދީއްތަ ދުވަހު ޕްރިންޓްކުރި އެ 6 ނޫހުގެ ހުރިހާ ކޮޕީއެއް ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ސަލާމަތީ ބާރުތަކުން އެފަދައިން ކަންކުރީ ފުށުގެ އަގުމަތިވުމާއި ގުޅޭގޮތުން ލިޔެފައިވާ "މިނިވަން، ދެފުށް ފެންނަ" ލިޔުންތަކުގެ ސަބަބުން ކަމަށް އެ ނޫސްތަކުގެ އެޑިޓަރުން ބުނެއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގެ ގާތްގަނޑަކަށް ފުލުގައި އަބަދުވެސް ހިމެނޭ ސޫދާންގައި ސަރުކާރުން ބޭނުން ނުވާ ގޮތްގޮތަށް ހަބަރު ލިޔާ ނޫސްތަކަށް އަބަދުވެސް އެކި ކަހަލަ ދަތިތައް ކުރިމަތި ކުރުވައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް