ކ. މާލެ
|
8 ޖެނުއަރީ 2018 | ހޯމަ 23:43
ކުވެއިތުގެ އަމީރުވަނީ ހައްލަކަށް ދިއުމަށް ކުރިއެރުންތަކެއް ލިބޭކަމަށް ވިދާޅުވެފައި
ކުވެއިތުގެ އަމީރުވަނީ ހައްލަކަށް ދިއުމަށް ކުރިއެރުންތަކެއް ލިބޭކަމަށް ވިދާޅުވެފައި
ކުވެއިތު ނިއުސް އޭޖެންސީ
ގަތަރުގެ މައްސަލަ
ގަތަރުގެ މައްސަލައިގައި އުފެދިފައިވާ ޚިލާފްތައް ހައްލުކުރުމަށް ކުވެއިތުގެ އަމީރު ގޮވާލައްވައިފި
ގަލްފުގެ ހަތަރު ގައުމަކުން ސައުދީ އަރަބިއްޔާއާއި ގުޅުން ކަނޑާލީ މިދިޔަ އަހަރުގެ ޖޫން މަހު
ގަތަރުގެ މައްޗަށް އެގައުމުތަކުން ތުހުމަތު ކުރަނީ ޓެރެރިޒަމަށް ވާގިވެރިވާކަމަށް

ގަލްފުގެ ގައުމުތަކުގެ މެދުގައި ގަތަރާމެދު އުފެދިފައިވާ ޚިލާފްތައް ހައްލުކުރުމަށް ކުވެއިތުގެ އަމީރު ގޮވާލައްވައިފިއެވެ.

ގަލްފްކޯޕަރޭޝަން ކައުންސިލް(ޖީސީސީ)ގައި ހިމެނޭ ސައުދީ އަރަބިއްޔާ، އެކުވެރި އަރަބި އިމާރާތް(ޔޫއޭއީ)، މިސްރު އަދި ބަހްރެއިނުން ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ގަތަރާއެކު އޮންނަ ގުޅުން ކަނޑާލާފައެވެ.

ޖީސީގެ ގާނޫނު ހަދާ މަޖިލީސްތަކުގެ އިސް މެމްބަރުން ތަކަކާއި ހޯމަ ދުވަހު ބައްދަލުކުރައްވައި އަމީރު ޝެއިޚް ސަބާހް އަލް އަހުމަދު އަލް ސަބާހް ވިދާޅުވީ ގަލްފްގައި މަސްރަހު އިތުރަށް ގޯސްވުމަކީ ގަލްފުގެ ހުރިހާ ގައުމަކަށްވެސް އެކަމުގެ ސަބަބުން ގޮންޖެހުންންތައް ކުރިމަތިވާނެ ކަމެއްކަމަށެވެ.

އަމީރު ވިދާޅުވީ ޖީސީސީއަށް ކުރިމަތިވަމުންދާ މައްސަލަތައް ހުރިހާ މެމްބަރުންނަށް ވެސް އެނގޭ ކަމަށާއި އެ ކަންކަމަށް އިތުރު ބައްދަލުވުންތަކާއި ލަފާތައް ހުރިހާ ފަންތިއަކުންވެސް ބޭނުންވާކަމަށެވެ.

"މި ގޮންޖެހުންތަކަކީ ވަކިވަކިން ކުރިމަތިލެވޭނެ ކަންކަމެއްނޫން" އަމީރު ވިދާޅުވިއެވެ.

ގަތަރުގެ މައްސަލަ ފެށުނީއްސުރެ މެދުވެރިއެއްގެ ދައުރު އަދާކުރަމުން ގެންދާ ކުވެއިތުންވަނީ މައްސަލައިގައި ހައްލެއް ހޯދުމަށް ވާހަކަދެއްކުމަށް ގައުމުތަކަށް ތަކުރާރުކޮށް ގޮވާލާފައެވެ. ނަމަވެސް މިހާތަނަށް ވަނީ ކުރިއެރުމެއް ނުލިބިއެވެ.

ނަމަވެސް ޝެއިޚް ސަބާހް ވަނީ ހައްލަކާއި ދިމާލަށް ދިއުމަށް ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

 ކުވެއިތު ސިޓީގައި ބޭއްވި ޖީސީސީގެ 38 ވަނަ ސަމިޓް ބާއްވާފައި މިވަނީ ޤަތަރުގެ މައްސަލަ އުފެދުނުތާ ހަ މަސް ފުރުނު ދުވަހުއެވެ.

އަހަރަކު އެއްފަހަރު ބާއްވާ ޖީސީސީގެ ސަމިޓަކީ މެމްބަރު ގައުމުތަކުގެ ވެރިންގެ ބައްދަލުވުމެއް ނަމަވެސް ގަތަރާ ގުޅުން ކަނޑާލި ގައުމުތަކުން ބައްދަލުވުމަށް މި ދިޔަ އަހަރު ފޮނުވާފައި ވަނީ އާއްމު ޑިޕްލޮމޭޓުންނެވެ.

ގަތަރުން ޓެރެރިޒަމަށް ފައިސާ ޚަރަދުކޮށް ވާގިވެރިވެދީ ސަރަހައްދުގެ ހަމަޖެހުމަށް ބުރޫއަރުވަމުން ގެންދާކަމަށް ތުހުމަތުކޮށް އެ ގައުމުތަކުން ގުޅުންކަނޑާލިއިރު ގަތަރުން އެކަން ދޮގުކުރެއެވެ.

މައްސަލަ ހައްލުކުރުމަށްކަމަށް ބުނެ އެ ހަތަރު ގައުމުން ފަހުން ވަނީ ގަތަރަށް ޑިމާންޑްތަކެއް ހުށަހަޅާފައެވެ.

އެ ޑިމާންޑްތަކުގެ ތެރޭގައި އީރާނާއެކު އޮންނަ ގުޅުން ކަނޑާލުމާއި ،ޓެރެރިޒމަށް ވާގިވެރިވުން ހުއްޓާލުމާއި އަލްޖަޒީރާ ބަންދުކުރުން ހިމެނެއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް