ލ. މުންޑޫ ގައި އަންހެނަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކޮށްފައިވާ އެރަށު ކައުންސިލުގެ ނައިބު ރައީސްއާއި އިތުރު މީހެއްގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ހޯމަ ދުވަހު އެމީހުންގެ މުއްދަތު ޖަހާފައިވަނީ ލ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ކަމަށެވެ. އެގޮތުން އެމައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވާ 30 އަހަރުގެ މީހާއަށް 7 ދުވަސް އަދި 19 އަހަރުގެ މީހާއަށް 5 ދުވަސް އެކޯޓުން ޖަހާފައިވާކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.
އާދިއްތަ ދުވަހު ހިނގި މާރާމާރީއަކާ ގުޅިގެން އެދެމީހުންވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ އެރަށު ކައުންސިލުގެ ނައިބު ރައީސް އާދަމް ނާސިފާއި އުމުރުން 19 އަހަރުގެ ޒުވާނެކެވެ.
މި މާރާމާރީގައި އަންހެން މީހާގެ ބޮލަށް ވަނީ އަނިޔާތަކެއް ލިބިފައެވެ. ލ. ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގައި އެ މީހާއަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.
މުންޑޫއިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، ނާސިފުގެ އަނބިކަނބަލުން މަސައްކަތް ކުރައްވަނީ އެ ރަށު މެޖިސްޓްރޭޓް ކޯޓުގައި ކަމަށްވާއިރު، މާރާމާރީ ހިނގުމުގެ ކުރިން ނާސިފުގެ އަނބިކަނބަލުންނާއި އެ އަންހެން މީހާއާ ދެ މީހުން ކޯޓު ބޭރުގައި ޒުވާބު ކުރަނިކޮށް ބައެއް މީހުންނަށް ފެނިފައިވެއެވެ.
މާރާމާރީ ހިނގުމުގެ ކުރިން ނާސިފާއި އެ އަންހެން މީހާއާ ދެމެދު ވެސް ހޫނު ޒުވާބެއް ހިނގި އެވެ. އަދި އެރަށު ކައުންސިލް އިދާރާއަށް އެ އަންހެން މީހާ ވަދެ، ނާސިފުގެ ކޮޓަރީގެ ދޮރުގައި ތަޅައި، ކައުންސިލް އިދާރާގެ ތެރޭގައި އަޑުގަދަ ކުރި ކަމަށް އެރަށުން މައުލޫމާތު ދިން މީހުން ބުންޏެވެ. އަދި ކައުންސިލް އިދާރާއަށް ވަން މައްސަލަ ފުލުހުންނަށް ހުށަހެޅި ކަމަށް ވެސް ބުންޏެވެ.
އެ ރަށުގެ ބައެއް މީހުން ބުނާ ގޮތުގައި، ޒުވާބާއި މާރާމާރީ ހިނގާފައިވަނީ ކުޅިވަރު ކުޅުމުގެ ތެރޭގައި ޖެހުނު މައްސަލައަކާ ގުޅިގެންނެވެ.