ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވާއިރަށް ކޮޅު ބަދަލުކުރައްވާނެ ކަމަށް ވެރިކަންކުރާ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކް ވިދާޅުވި ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ރިޔާޒް މިހެން ވިދާޅުވީ ރިޔާޒްއަކީ އެއްވެސް އިރެއްގައި ރައީސް ޔާމީންއަށް ތާއިދުކުރެއްވި ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ ނިހާން ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.
Ahmed Nihaan kihaavarakah RY ah thaaeedhu kurahvaatheethoa alhugandu kairee vidhaalhuvee verikan badhaluvaairah Manikufaanuves kolhu badhalu kurahvaane kamah? @ahmed_nihan https://t.co/KsyiVJ1Hkp
— Abdulla Riyaz MP (@riyazabdulla) January 8, 2018
ނިހާންގެ މި ޓްވީޓަށް ރައްދު ދެއްވަމުން ރިޔާޒް ވަނީ ނިހާން ރައީސް ޔާމީންއަށް ތާއީދުކުރައްވާ މިންވަރާ މެދު ސުވާލު އުފައްދަވާފައެވެ. އެގޮތުން ރިޔާޒުގެ އަރިހުގައި ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމާއެކު ކޮޅު ބަދަލުކުރައްވާނެ ކަމަށް ނިހާން ވިދާޅުވި ކަމަށް ރިޔާޒް ކުރެއްވި ޓްވީޓުގައިވެއެވެ.
މި ޓްވީޓުގެ ކުރިން ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ދެކޮޅަށް ކުރަމުންދާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް ބުނެފައެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު ސަރުކާރު ހިންގަވާ ފަރާތްތަކާއި އިދިކޮޅު ފަރާތްތަކާއި ދެމެދު ބަހުގެ ހަމަލާތައް އަންނަނީ ބަދަލުކުރެވެމުންނެވެ.