އިޖުތިމާއީ ބޯހިޔާވަހިކަން ހައްލުކުރުމަށް ދޫކުރާ ފްލެޓް ލިބޭ ފަރާތްތައް އެގްރީމެންޓާ ހިލާފަށް ކުއްޔަށް ދޭނަމަ އެ ފްލެޓް އެ ފަރާތަކުން ވަކި ކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހައުސިންގ މިނިސްޓަރު މުއިއްޒު އެގޮތަށް ވިދާޅުވެ ޓްވީޓް ކުރެއްވިއިރު، ފްލެޓް ލިބިފައިވާ ބައެއް ފަރާތްތަކުން ފްލެޓް ކުއްޔަށް ދޫކުރުމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.
Ijthimaaee boahiyaavahi kan hallukuran dhey flat, agreement aa khilaafah kuyyah dheynama e flat e faraathakun vakikureveyne.
— Dr.Mohamed Muizzu (@MMuizzu) January 8, 2018
ސޯސަލް ހައުސިންގ ގެދަށުން ހައުސިން މިނިސްޓްރީން އެންމެފަހުން ދޫކުރި 661 ފްލެޓާ ގުޅިގެން ގިނަ ބަޔަކު ވަނީ ފްލެޓް ލިބުނު ފަރާތްތައް ކަނޑައެޅުމުގައި މިނިސްޓަރީން ގެންގުޅު އުސޫލާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިނިސްޓްރީން އިއުލާން ކުރީގެ ފްލެޓް ލިބޭ ފަރާތުގެ ނަމުގެ ބަދަލުގައި ފްލެޓަށް އެދި ހުށަހެޅި ފޯމް ނަމްބަރު އެކަންޏެވެ. އެ ފްލެޓްތަކަށް 15،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލިއިރު ފްލެޓް ދީފައި ވަނީ އެންމެ މަތިން މާކްސް ލިބުނު މީހުންނަށް ނޫން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އަދި އެކަމުގެ ޝަކުވާތައް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅިއެވެ.
ފެލްޓްތަކާ ގުޅިގެން އެންމެ ފުރަތަމަ އޭސީސީ އަށް މައްސަލަ ހުށަހަޅާފައި ވަނީ ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް ނެރުމާ ގުޅިގެންނެވެ. އަދި ވަގުތީ ލިސްޓާ ގުޅޭ ގޮތުން އޭސީސީ އަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް ހައުސިން މިނިސްޓްރީން ވަނީ ދާއިމީ ލިސްޓް ވެސް ނެރެފައެވެ. ފްލެޓް ލިބުނު ފަރާތްތަކާ ފްލެޓް ހަވާލުކުރިއިރު އޭސީސީ އަށް ހުށަހަޅާފައިވާ މައްސަލަތައް ތަހުގީގުކޮށް ނިމިފައެއްވެސް ނުވެއެވެ.
މަތިން މާކްސް ލިބުނު ނަމަވެސް، ފްލެޓް ލިބިފައިނުވާތީއާއި ފްލެޓް ލިބޭ މީހުންގެ މައުލޫމާތު ސިއްރުކޮށްފައި ވާތީ އެތައް ބަޔަކު ދަނީ މިކަމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް އެކުލެވިގެންވާ ކަމަށް ތުހުމަތު ކުރަމުންނެވެ. މީގެ އިތުރުން، ރައީސް ޔާމީން ކެމްޕެއިން އޮފީހުން މަތިން މާކްސް ލިބުނު މީހުންނަށް ގުޅި ކަމަށް ބުނާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
ހުޅުމާލޭގައި އަޅާފައިވާ އިމާރާތްތަކުން ދޫކުރަން ހަމަޖެހިފައިވާ ފްލެޓްތަކުގައި ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ފްލެޓްގެ ޑައުންޕޭމަންޓަށް 25،000 ރުފިޔާ ދައްކަންޖެހޭއިރު، 25 އަހަރު ވަންދެން މަހަކު 6،000 ރުފިޔާ ދައްކަންޖެހެ އެވެ. އެ އަދަދުން ބަލާނަމަ ފްލެޓެއް މިލްކުކުރުމަށް ދައްކަންޖެހެނީ 1.8 މިލިއަން ރުފިޔާ އެވެ.