ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނާ މައްސަލާގައި ލިޔެކިޔުންތައް ހަވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު އަބްދުﷲ ރިޔާޒު ކްރިމިނަލް ކޯޓަށް ހާޒިރު ވުމަށް އެކޯޓުން އަންގައިފި އެވެ.
ކްރިމިނަލް ކޯޓުން ރިޔާޒު ކޯޓަށް ހާޒިރު ވުމަށް އަންގާފައިވާ ކޯޓު އަމުރުގައި ވަނީ ދައުލަތުން ދައުވާކުރާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށުގެ މައްސަލައިގެ ލިޔެކިޔުންތައް ހަވާލު ކުރުމަށް މިމަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 09:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރު ވުމަށެވެ.
ކޯޓު އަމުރާއެކު ރިޔާޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ކިތަންމެ ދައުވާއެއް އުފުލިނަމަވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ތާއީދު ކުރެވެން ނެތް ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން ހިންގާ އަނިޔާވެރިކަމާއި ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި 2018 ގައި ރިޔާސީ އިންތިހާބު ގުޅިފައިވާ ޕާޓީތަކުން ކާމިޔާބު ކުރާނެ ކަމަށެވެ.
Kithamme dhauvaaeh ufulinamaves RY ah thaaeedhu kureven neiy! RY ge sarukaarun hingaa aniyaaverikamaai corruption aai dhekolhah kuramundhaa masahkaiy kuriyah gendhaanan. 2018 ga riyaasee inthikhaabu gulhifaivaa Party thakun kaamiyaabukuraane Inshaa Allah! pic.twitter.com/Y6Pay8Ex1L
— Abdulla Riyaz MP (@riyazabdulla) January 8, 2018
ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުވެސް ކުރިން ފުރުއްވާފައިވާ އަބްދުﷲ ރިޔާޒުގެ މައްޗަށް ތުހުމަތު ކުރެވޭ ހަގީގަތާ ހިލާފު ދޮގު ވާހަކަ ފަތުރައި، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތްކޮށް، ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، އެ މުއައްސަސާ ބަދުނާމުކޮށް، ދޮގު ވާހަކަ ދެއްކެވުމުގެ ތުހުމަތުގައި މިދިއަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު ރިޔާޒު ވަނީ ފުލުހަށް ހާޒިރު ކުރައްވާފަ އެވެ.
އެ ދުވަހު ފުލުސް އޮފީހުން ނިކުންނެވުމަށް ފަހު ރިޔާޒު ވިދާޅުވެފައި ވަނީ މި މައްސަލައަކީ ސިޔާސީ މަގުސަދެއްގައި ސިޔާސީ ބޭނުމަށް ހިންގާ ތަހުގީގެއް ކަމަށެވެ. އަދި ތަހުގީގު ހިންގަނީ ވެސް ގާނޫނުތަކާއި އުސޫލްތަކާއި ހިލާފަށް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒުގެ ގާނޫނީ ވަކީލު ނޫރުއްސަލާމް ވިދާޅުވެފައި ވަނީ ރިޔާޒުގެ މައްޗަށް ފުލުހުން ތުހުމަތުކުރާ އަމަލާއި، ގާނޫނުލްއުގޫބާތުގެ ފަސް މާއްދާއަކަށް ރިޔާއަތްކޮށް ފުލުހުން ހިންގާ ތަހުގީގާއި ދިމާ ނުވާކަމަށެވެ.
ނޫރުއްސަލާމް އިތުރަށް ވިދާޅުވެފައި ވަނީ ފުލުހުންގެ ސުވާލުތައް ހުރީވެސް މައިގަނޑު ގޮތެއްގައި މީގެ ކުރިން ރިޔާޒުގެ އަތުން ފުލުހުން އަތުލި ފޯނުގައި ހުރި މުއާމަލާތްތަކެއްގެ މައްޗަށް ކަމަށެވެ.
ނޫރުއްސަލާމް ވިދާޅުވެފައިވަނީ ތަހުގީގު ކުރިއަށް ގެންދިޔުމުގައިވެސް ގާނޫނީ އިޖުރާއަތުގައި އަކުރުން އަކުރަށް ބަޔާންކޮށްފައިވާ ކަންތައްތަކަކަށް ކަނޑައެޅިގެން ހިލާފަށް ތަހުގީގު ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.