ކ. މާލެ
|
8 ޖެނުއަރީ 2018 | ހޯމަ 22:25
އިރާނުގެ ފޮރިން މިނިސްޓަރު މުހަންމަދު ޖަވާދު ޒާރިފް
އިރާނުގެ ފޮރިން މިނިސްޓަރު މުހަންމަދު ޖަވާދު ޒާރިފް
ބީބީސީ
އިރާން
ސައުދީ، އެމެރިކާ އަދި އިޒްރޭލުން ދަނީ ސަރަހައްދުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތްކުރަމުން: އިރާން
އިރާނުން މިހެން ބުނީ އެގައުމުގައި ފެށުނު، ސަރަހައްދުގެ ސަލާމަތާ ބެހޭ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު މުހަންމަދު ޖަވާދު ޒާރިފް

ހުޅަނގު އޭޝިއާ ސަރަހައްދާ ބެހޭ ސަލާމަތީ ކޮންފަރެންސް އެއް އިރާނުގެ ވެރިރަށް ތެހެރާނުގައި ހޯމަ ދުވަހު ފެށިއްޖެއެވެ.

އެއްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގެ ޝިއާރަކީ "ހުޅަނގު އޭޝިއާ ސަރަހައްދުގެ ސަލާމަތް؛ ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ބަދަލުތައް"، މި ޝިއާރެވެ. މިއީ މިފަދަ ބައްދަލުވުމެއް ފާއިތުވެދިޔަ އެއް އަހަރުތެރޭ އިރާނުން އިންތިޒާމް ކުރި ދެވަނަ ފަހަރެވެ.

ރިޕޯޓުތައް ބުނާގޮތުން ހޯމަ ދުވަހު އިރާނުގައި ފެށުނު ކޮންފަރެންސްގައި އިރާނާއި އަދި ބައިނަލްއަގްވާމީ ދުނިޔޭގެ ސިޔާސީ އަދި އެކި ކަންކަމުގެ މާހިރުން ހިމެނޭ ގޮތުން 200 ފަރާތެއް ބައިވެރިވާނެއެވެ.

ހޯމަ ދުވަހު ފެށުނު ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިރާނުގެ ފޮރިން މިނިސްޓަރު މުހަންމަދު ޖަވާދު ޒާރިފް ވިދާޅުވީ "ސައުދީ އަރަބިއްޔާ، އެމެރިކާ އަދި އިޒްރޭލުން އެގައުމުތަކުން ގައުމުތަކަށް އަތްގަދަ ކުރުމުގެ ސިޔާސަތުގެ ތެރެއިން ސަރަހައްދުގެ ހަމަޖެހުމަށް ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ". ޒާރިފް އިތުރަށް ވިދާޅުވީ އެމެރިކާ އިން އިރާނުގެ "ދާހިލީ ކަންކަމާ ބެހުމުގެ ސިޔާސަތަކީ" ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ސަލާމަތީ ގޮންޖެހުން ކަމަށެވެ. ޒާރިފް ވިދާޅުވީ އެމެރިކާގެ އަނިޔާވެރި ސިޔާސަތުގެ ތެރެއިން ސީރިޔާގައި އެމެރިކާ އިން ހަމަނުޖެހުން އުފައްދަމުންދާ ކަމަށެވެ. 

ޒާރިފް ފަލަސްތީނާ ބެހޭ ގޮތުންވެސް ވާހަކަފުޅުދެއްކެވިއެވެ. އެގޮތުން ޒާރިފް ވިދާޅުވީ ފަލަސްތީނުގެ ބިންތައް އިޒްރޭލުން ހިސޯރުކޮށްގެން ތިބޭ ތިބުމަކީ ސަރަހައްދަށް ދިމާވެފައިވާ އެންމެ ނާޒުކު މައްސަލަ ކަމަށެވެ. އަދި އެމެރިކާ އިން އިޒްރޭލުގެ އަމަލުތަކަށް ހިތްވަރުދޭ ކަމަށާއި މިކަންކަމުން އެނގިގެން ދަނީ އެމެރިކާ އިން މުސްލިމުންނާ ދޭތެރޭ ގެންގުޅޭ އަނިޔާވެރިކަމުގެ ސިޔާސަތު ކަމަށާއި އަދި އެމެރިކާގެ އަމަލުތަކަކީ ހައްދުފަހަނައެޅުމާއި ޓެރަރިޒަމަށް ލިބޭ ހިތްވަރެއް ކަމަށެވެ.

ޒާރިފް ވިދާޅުވީ ސަރަހައްދު ހަލަބޮލި ކުރުމަށް އެއްވެސް ބަޔަކު އުޅެގެން ނުވާނެ ކަމަށާއި އިރާނުގެ އަވަށްޓެރި ގައުމުތަކަކީ ދުނިޔޭގެ އެހެން ސަރަހައްދުތަކާ އަޅާބަލާއިރު ޖީޑީޕީގެ ނިސްބަތުން އެންމެ ބޮޑު ބައެއް އަސްކަރީ ބަޖެޓެއް އޮތް ގައުމުތައް ކަމަށެވެ.

ހުޅަނގު އޭޝިއާ ސަރަހައްދާ ބެހޭ ސަލާމަތީ ކޮންފަރެންސް އެއް އިރާނުގެ ވެރިރަށް ތެހެރާނުގައި ހޯމަ ދުވަހު ފެށުނުއިރު އެގައުމުގެ ސަރުކާރާ ދެކޮޅަށް ދަނީ މުޒާހަރާތަކެއް ކުރެވެމުންނެވެ. ތަކެއްޗާއި ޚިދުމަތުގެ އަގު ބޮޑުވުމުގެ މައްސަލައިގައި ފެށި މުޒާހަރާތައް ފުޅާވެ، ސިޔާސީ މުޒާހަރާތަކަކަށް ބަދަލުވެފައިވާއިރު، މުޒާހަރާގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އިތުރުން ރައީސް ހަސަން ރޫހާނީގެ އިސްތިއުފާ އަށް ވެސް ދަނީ ގޮވަމުންނެވެ. މި މުޒާހަރާތަކުގައި މިހާތަނަށް 22 މީހުން މަރުވެ 1000 މީހުން ވަނީ ހައްޔަރު ކޮށްފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް