އަންނަ އާދީއްތަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު މިއަދު (ހޯމަ ދުވަހު) އެކަނި ވެސް 17 ޓީޗަރުންނާއި 5 ޕްރިންސިޕަލަކު ހޯދުމަށް އިއުލާން ކޮށްފިއެވެ.
ސަރުކާރުގެ ގެޒެޓްގައި ހޯމަ ދުވަހު ކޮށްފައިވާ އިއުލާން ތަކުގައި ވާގޮތުން ޓީޗަރުން ހޯދުމަށް އެންމެ ގިނައިން އިއުލާން ޖަހާފައިވަނީ ހއ މޮޅަދޫ ސްކޫލަށެވެ. އެގޮތުން އެރަށު ސްކޫލަށް އެކަނި ވެސް 10 ޓީޗަރުން ހޯދުމަށް ވަނީ އިއުލާން ކޮށްފައެވެ.
ކިޔެވުން ފެށެން 6 ދުވަހަށް ވެފައި ވަނިކޮށް މޮޅަދޫ ސްކޫލަށް ބޭނުންވެގެން ހޯމަ ދުވަހު އިއުލާން ކޮށްފައިވާ ޓީޗަރުންނަކީ ދިވެހި، ބީޓެކް ހޮސްޕިޓަލިޓީ، އިސްލާމް، ޖެނެރަލް ސައިންސް، ކްރިއޭޓިވް އާޓްސް، ބިޒްނަސް ސްޓަޑީސް، ސެން، ޢަރަބި، ފިޒިކަލް އެޑިއުކޭޝަން އަދި ޕްރައިމަރީ ޓީޗަރެކެވެ. މި މަޤާމްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ ސްކޫލްތަކުގެ ކިޔެވުން ފެށޭތާ 4 ދުވަސް ފަސް ކަމަށްވާ މިމަހުގެ 18 ވަނަ ދުވަހަށެވެ.
ދެވަނައަށް އެންމެ ގިނަ ޓީޗަރުން ހޯދަނީ ބ އަތޮޅު ތައުލީމީ މަރުކަޒަށެވެ. އެ ސްކޫލަށް ހޯދަނީ ޤުރުއާން ޓީޗަރަކާއި ޢަރަބި ޓީޗަރެކެވެ. އެ ދެ މަޤާމަށް ވެސް ކުރިމަތި ލުމުގެ ސުންގަޑިއަކީ މިމަހުގެ 18 ވަނަ ދުވަހެވެ. މީގެ އިތުރުން ވ އަތޮޅު މަދަރުސާއަށް ބިޒްނަސް ސްޓަޑީޒް ކިޔަވައިދޭނެ ޓީޗަރަކު ހޯދުމަށް އިއުލާން ކޮށްފައިވާއިރު އެކަމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ ސްކޫލު ހުޅުވި ދެދުވަސް ފަހުންނެވެ. އަދި ދިއްފުށީ ސްކޫލަށް އާޓް ޓީޗަރެއް ހޯދަން އިއުލާން ކޮށްފައިވާއިރު އެކަމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 17 ވަނަ ދުވަހެވެ.
މިމަހުގެ 15 ވަނަ ދުވަހާ ހަމަޔަށް ފުރުސަތު ހުޅުވާލާފައިވާ ގއ ކޮނޑޭ ސްކޫލަށް ހޯދަން އިއުލާން ކޮށްފައިވަނީ ރިލީފް ޓީޗަރެކެވެ. އަދި ކިޔެވުން ފެށޭ ދުވަހަށް ފުރުސަތު ހަމަވާ ގޮތަށް ހއ އަތޮޅު ތައުލީމީ މަރުކަޒަށް ރިލީފް ޓީޗަރަކު ހޯދުމަށް ވެސް ވަނީ އިއުލާން ކޮށްފައެވެ.
ދިރާސީ އާ އަހަރު ސްކޫލްތައް ހިންގާނެ ގޮތުގެ ޕްލޭންތައް ގާތްގަޑަކަށް ނިމިފައިވާނެ ކަމަށް ބެލެވިފައިވާއިރު ސްކޫލްތައް ހިންގުމަށް 5 ސްކޫލަކަށް ވަނީ ޕްރިންސިޕަލުން ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކޮށްފައެވެ. އެއީ ލ އިސްދޫ ކަލައިދޫ ސްކޫލް އަށާއި ތ ވަންދޫ ސްކޫލަށާއި ހއ ބާރަށު ސްކޫލުގެ އިތުރުން ހދ ނޭކުރެންދޫ ސްކޫލާއި އެއަތޮޅު ނެއްލައިދޫ ސްކޫލަށެވެ. އެސްކޫލްތަކުގެ ޕްރިންސިޕަލް ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ސުންގަޑިވެސް ހަމަވަނީ ސްކޫލް ހުޅުވޭ ފަހުންނެވެ. އެއީ މިމަހުގެ 17 ވަނަ ދުވަހެވެ.