އިރާނުގެ ޕްރައިމަރީ ސްކޫލްތަކުގައި އިނގިރޭސި ބަސް ކިޔަވައިދިނުން އެގައުމުން މަނާކޮށްފިއެވެ.
އެގައުމުގެ ޕްރައިމަރީ ސްކޫލްތަކުގައި އިނގިރޭސި ބަސް ކިޔަވައިދިނުން މަނާކުރީ އެކަމަކީ "ސަގާފީ ގޮތުން" ގައުމު އަޅުވެތި ކުރުމަށް މަގުފަހިވާކަމެއް ކަމަށް ބުނެއެވެ. އިރާނުގެ ގައުމީ ޓީވީގައި އެކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ދައުލަތުން ހިންގާ "ހައި އެޑިއުކޭޝަން ކައުންސިލް" ގެ އިސްވެރިޔާ މެހްދީ ނަވީދް އަދްހަމް ވިދާޅުވީ "ޕްރައިމަރީގައި ދެވޭ ތައުލީމަކީ ސްކޫލްކުދިންގެ ގައިގައި ގައުމުގެ ސަގާފަތް އަށަގަންނުވަން ލިބޭ ފުރުސަތު ކަމަށް ބެލެވޭ ކަމަށެވެ."
މެހްދީ ގައުމީ ޓީވީގައި ދެއްކެވި ވާހަކަފުޅަށް ސޯޝަލް މީޑިއާގައި ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އަދި ސަރުކާރުގެ ނިންމުމަކީ ގައުމުގައި މަޝްހޫރު ސޯޝަލް މީޑިއާ އެޕްލިކޭޝަން، ޓެލެގްރާމް ބޭނުން ކުރުން މަނާކުރުން ފަދަ ކަމެއް ކަމަށް ބުނެ ބައެއް މީހުން ފާޑުކިޔާފައިވެއެވެ.
ވޭތުވެދިޔަތާނގައި އިރާނުގެ ސަރުކާރުގެ އިސްވެރިން ވަނީ ގައުމުގެ ޕްރައިމަރީ ސްކޫލްތަކުގައި އިނގިރޭސި ބަސް ކިޔަވައިދިނުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އިރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ 2016 ގައި ވިދާޅުވީ "ހުޅަނގުގެ ތިންކަރުން ބުނަމުން ދާގޮތުން ގައުމެއް އަޅުވެތި ކުރުމަށްޓަކައި އެންމެ މޮޅު އަދި އެންމެ ޚަރަދު ކުޑަ ގޮތަކީ ގައުމުގެ ޅަ ޖީލުގެ ވިސްނާ ގޮތް ބަދަލުކުރުމާއި އަދި ސަގާފަތުގެ ތެރެއިން ކަންކަން ބަދަލުކުރުން ކަމަށެވެ."
ރޫހީ ލީޑަރުގެ ވާހަކަފުޅާ ގުޅޭގޮތުން މެދުމިނުގެ ސިޔާސަތެއް ގެންގުޅުއްވާ އިރާނުގެ ރައީސް ހަސަން ރޫހާނީގެ ވިސްނުންފުޅު ތަފާތެވެ. ރޫހާނީ ވިދާޅުވެފައި ވަނީ އެއްބަހަށް ވުރެ ގިނަ ބަހަށް ފަރިތަ ޒުވާންނަކީ ގައުމުގެ އިގްތިސާދަށް ވަރަށް ގިނަ ފައިދާ ގެނުވައިދޭނެ ބައެއް ކަމަށެވެ.
އިރާނުގެ ޕްރައިމަރީ ސްކޫލްތަކުގައި އިނގިރޭސި ބަސް ކިޔަވައިދިނުން އެގައުމުން މަނާކުރިކަން ހާމަކުރިއިރު އެގައުމުގައި ސަރުކާރާ ދެކޮޅަށް ދަނީ މުޒާހަރާތައް ކުރެވެމުންނެވެ. ތަކެއްޗާއި ޚިދުމަތުގެ އަގު ބޮޑުވުމުގެ މައްސަލައިގައި ފެށި މުޒާހަރާތައް ފުޅާވެ، ސިޔާސީ މުޒާހަރާތަކަކަށް ބަދަލުވެފައިވާއިރު، މުޒާހަރާގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އިތުރުން ރައީސް ހަސަން ރޫހާނީގެ އިސްތިއުފާ އަށް ވެސް ދަނީ ގޮވަމުންނެވެ. މި މުޒާހަރާތަކުގައި މިހާތަނަށް 22 މީހުން މަރުވެ 1000 މީހުން ވަނީ ހައްޔަރު ކޮށްފައެވެ.