ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ފަރާތުން ނެރޭނެ ކެންޑިޑޭޓެއްގެ ނިންމުމުގެ މަޝްވަރާތައް ޕާޓީތަކުން ފަށައިފިއެވެ.
ކެންޑިޑޭޓެއް ނެރުމުގެ މަޝްވަރާތަަކަށް އެކުލަވާލަފައިވާ ކޮމިޓީގެ މުޤައްރިރު، އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުޙައްމަދު ސޯލިޙްއާއި ނައިބު މުޤައްރިރު ޖުމްހޫރީ ޕާޓީގެ އަބްދުﷲ ރިޔާޒް ހޯމަ ދުވަހު އިރުއޮއްސުނު ވަގުތު މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ހޯމަ ދުވަހު މަޝްވަރާތައް ބާއްވާފައިވާ ކަމަށެވެ. އަދި ހޯމަ ދުވަހުގެ މަޝްވަރާތަކުގައި ޕާޓީތަކުން ބޭނުންވާ ކަންކަން ހުށަހަޅާފައިވާ ކަމަށާއި، އެކަންކަމާއި މެދު އަންގާރަ ދުވަހުގެ ހަވީރު ބައްދަލުކޮށް އިތުރަށް މަޝްވަރާ ކުރާނެކަމަަށް އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވާ އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިހާރު އޮތް ގޮތާއި ބެހޭ ގޮތުންނާއި މަޖިލީހުގެ މަސައްކަތްތަކާއި ބެހޭ ގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ އިތުރުން 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބާއި ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވުނުކަމަށެވެ.
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އިދިކޮޅު ހަތަރު ލީޑަރުން އަދިވެސް ތިބީ 2017ވަަނަ އަހަރުގެ މާޗު މަހު ވީ އެއްބަސްވުމުގެ މަތީގައި، އެކުގައި ކަމަށެވެ.
އިދިކޮޅު ކެންޑިޑޭޓާއި ބެހޭ ގޮތުން ގުޅިފައިވާ ޕާޓީތަކުން މަޝްވަރާ ކުރަމުންދާއިރު، އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓެއް މިއަހަރުގެ ރިޔާސީ އިންތިޚާބަށް ނުނެރޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.