ކ. މާލެ
|
8 ޖެނުއަރީ 2018 | ހޯމަ 19:03
ލަންކާގެ ރައީސް ސިރިސޭނާ (ކ) އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ (ވ)
ލަންކާގެ ރައީސް ސިރިސޭނާ (ކ) އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ (ވ)
ގޫގުލް
ލަންކާ އިންތިޚާބު
ސިރިސޭނާ ސަރުކާރުން 14.6 ބިލިއަން ޑޮލަރުގެ ލޯނު ނަގައިފި، ކުރެވުނު އެއްވެސް ކަމެއް ނެތް: ރާޖަޕަކްސަ
އެތެރޭގެ ދަރަނި އެތައް ޓްރިލިއަން ރުޕީސްއަކަށް އަރާ

ޚަރަދުކުޑަކޮށް ވެރިކަން ކުރައްވާނެ ކަމަށް ވަޢުދުވެވަޑައިގެން ވެރިކަމަށް ވަޑައިގެންނެވި މަތިރިޕާލާ ސިރިސޭނާގެ ސަރުކާރުން މިހާތަނަށް 14.6 ބިލިއަން ޑޮލަރުގެ ލޯނު ނަގާފައިވާ ކަމަށާއި، މިވީ 36 މަސްދުވަހުގެ ތެރޭގައި ކުރެވުނު އެއްވެސް ކަމެއް ނެތްކަމަށް ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަކްސަ ވިދާޅުވެއްޖެއެވެ.

ސިރިސޭނާގެ ވެރިކަމަށް 3 އަހަރުވުމާއި ގުޅިގެން ނެރުއްވި ބަޔާނެއްގައި ރާޖަޕަކްސަ ވިދާޅުވީ މިއީ 5 ޕަވަރ ޕްލާންޓާއި، ހަންބަންތޯޓާ ބަނދަރު ވަރުގެ 5 ބަނދަރާއި، ސަދަން އެކްސްޕްރެސްވޭގެ އިތުރު 2 މަގު އަޅާފައިވާ ބާކީވެސް ފައިސާ ހުންނާނެވަރުގެ އަދަދެއް ކަމަށެވެ. 

މި ފައިސާތައް ލަންކާ ސަރުކާރުން ނަގާފައިވާ އެކިއެކި އިދާރާތަކުންނާއި ބޭންކްތަކުގެ އިތުރުން ބޮންޑް ވިއްކައިގެންނެވެ. އެގޮތުން ސިރިސޭނާ ވެރިކަމަށް ވަޑައިގެންނެވިފަހުން މިވީ 3 އަހަރުގެ ތެރޭގައި 7.2 ބިލިއަން ޑޮލަރު ސްރީލަންކާ ޑިވެލޮޕްމަންޓް ބޮންޑްސްގެ ގޮތުގައި ވިއްކާފައިވާއިރު، 2015 ވަނަ އަހަރާއި 2017ވަނަ އަހަރު ސޮވަރިން ބޮންޑްގެ ގޮތުގައި 3.6 ބިލިއަން ޑޮލަރުގެ ބޮންޑް ވިއްކާފައިވެއެވެ. އަދި 2015ވަނަ އަހަރާއި 2016ވަނަ އަހަރު ކަރަންސީ ސްވޮޕްކޮށްގެން އިންޑިއާ އަތުން 2.2 ބިލިއަން ޑޮލަރުގެ ލޯނު ނަގާފައިވާއިރު، 2016 ވަނަ އަހަރު ބައިނަލްއަޤްވާމީ މާލީ އިދާރާ އައި.އެމް.އެފް އިން އެކްސްޓެންޑެޑް ފަންޑް ފެސިލިޓީގެ ތެރެއިން 1.5 ބިލިއަން ޑޮލަރު ނަގާފައިވެއެވެ. 

ސިރިސޭނާ ވެރިކަމަށް ވަޑައިގެންނެވީ ރާޖަޕަކްސަގެ ސަރުކާރުން ލަންކާ ދަރަނިވެރި ކޮށްފިކަމަށް ބުނެކަމަށްވީ ނަމަވެސް، ރާޖަޕަކްސަގެ ސަރުކާރުން ހިންގި ބޮޑެތި ޕްރޮޖެކްޓްތައް ހިންގާފައިވަނީ 3.9 ބިލިއަން ޑޮލަރުގެ ލޯނު ފައިސާއިން ކަމަށް ރާޖަޕަކްސަ ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ. މީގެ ތެރޭގައި ނޮރޮއްކޮލައި ޕަވަރ ޕްލާންޓް، ހަންބަންތޯޓާ ބަނދަރު، ކޮލޮމްބޯ - ކަޓުނަޔަކަ އެކްސްޕްރެސްވޭ އަދި މައްތަލަ އެއަރޕޯޓް ހިމެނެއެވެ.

އެހެން ނަމަވެސް ބޮޑެތި ލޯނުތައް ނަގައިގެން ލަންކާގެ މިހާރުގެ ސަރުކާރަށް ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށް ރާޖަޕަކްސަ ވިދާޅުވިއެވެ. 

14.6 ބިލިއަން ޑޮލަރުގެ ބޭރު ފައިސާގެ ލޯނު ނަގާފައިވާއިރު، ޓްރެޝަރީ ބިލާއި ބޮންޑް ވިއްކައިގެން 5.7 ޓްރިލިއަން ސްރީލަންކަން ރުޕީސްގެ ދަރަނިވެސް ސަރުކާރުން ބޮލުގައި އަޅައިގެންފައިވާކަމަށް ވެސް ރާޖަޕަކްސަ ވިދާޅުވިއެވެ.

ރާޖަޕަކްސަ ވިދާޅުވީ ސިރިސޭނާގެ ވެރިކަމުގައި ނިންމި ޕްރޮޖެކްޓްތަކަކީ އެމަނިކުފާނުގެ ވެރިކަމުގައި އެޕްރޮޖެކްޓްތަކަށް ފައިސާ ހަމަޖައްސާފައިވާ ޕްރޮޖެކްޓްތަކެއް ކަމަށާއި، ސިރިސޭނާގެ ސަރުކާރުން ފެށި އަދި ފައިސާ ހަމަޖެއްސި އެއްވެސް ޕްރޮޖެކްޓެއް ނޯންނާނެ ކަމަށެވެ.

ސިރިސޭނާގެ ސަރުކާރު ރާޖަޕަކްސަ ސިފަކުރެއްވީ ނުކުޅެދުންތެރި، އަދި ލަންކާގެ ތާރީޚުގައި އެޤައުމު އެންމެ ބޮޑަށް ދަރަނިވެރި ކޮށްލި ސަރުކާރުގެ ގޮތުގައެވެ.

2015ވަނަ އަހަރުގެ ޖެނުއަރީ މަހު ބޭއްވި ކުއްލި އިންތިޚާބު ކާމިޔާބުކޮށް، ސިރިސޭނާ ވެރިކަމަށް ވަޑައިގަތީ ރާޖަޕަކްސަ ބަލިކުރެއްވުމަށްފަހުއެވެ. ރިޔާސީ އިންތިޚާބު އިއުލާން ކުރެއްވުމާއި ހަމަޔަށް ސިރިސޭނާ ހުންނެވީ ރާޖަޕަކްސަގެ ސަރުކާރުގެ ހެލްތު މިނިސްޓަރަކަށެވެ. ރާޖަޕަކްސަގެ ދައުރުގައި ބާކީ އަހަރުތަކެއް އޮއްވާ ރިޔާސީ އިންތިޚާބު ކުއްލިއަކަށް އިއުލާން ކުރެއްވީ ބާރުތައް އިތުރުކުރެއްވުމުގެ ބޭނުމުގައެވެ.

 

- ކޮމެންޓް