ޕީޕީއެމަށް އެއްބުރުން އިންތިޚާބު ކާމިޔާބު ކުރެވޭނީ ހުވަފެނުގައި ކަމަށާއި ދިވެހި ރައްޔިތުން ތިބީ ހޭލާ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ޢަބްދުﷲ އަހުމަދު މިހެން ވިދާޅުވީ، މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ރައީސް އަބްދުﷲ ޔާމީނަށް އެއްބުރުން ކާމިޔާބު ކޮށްދޭނެ ކަމަށް ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވުމާއި ގުޅިގެން އެއަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.
"ފަށަން" ގެ ނަމުގައި ރުމާލު ދޭއް ޖަގަހައިގައި އާދީއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ނިހާން ވިދާޅުވީ މަލްޓިޕާޓީ ނިޒާމްގެ ތެރެއިން ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބުކޮށް ރައީސުލްޖުމްހޫރިއްޔާގެ ގޮނޑީގައި ބައިންދާ ފުރަތަމަ ރައީސްއަކަށް ރައީސް އަބްދުﷲ ޔާމީން ހައްދަވާނެ ކަމުގައެވެ.
ނިހާން ވިދާޅުވީ އެކަން ކުރައްވާނެ ކަމަށާއި އެއީ ނިހާނާއި ނުވަތަ މިނިސްޓަރު ޝައިނީއާއި ނުވަތަ ވަކި މީހަކާއި ދިމާކޮށްލައިގެން އުޅެގެން ވެސް ހުއްޓުވޭނެ ކަމެއް ނޫން ކަމުގައެވެ. އަދި "ލާދީނީ" ފިކުރު ގާއިމް ކުރުމަށް ކަމަރު ބަނދެގެން ތިބި ފަރާތްތަކާއި އެންމެ ފަހު ލޭ ތިއްކާއި ޖެހެންދެންވެސް ޖިހާދު ކުރާނެކަމަށް ނިހާން ވިދާޅުވިއެވެ.
އެކަމަށް ރައްދު ދެއްވައި، ނިހާނަށް ޓެގް ކުރައްވައި ޢަބްދުﷲ އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްބުރުން އިންތިޚާބު ކާމިޔާބު ކުރެވޭނީ ހުވަފެނުން ކަމަށެވެ. އަދި ދިވެހި ލޮބުވެތި ރައްޔިތުން ތިބީ ވައްކަމާއި، ކޮރަޕްޝަނާއި ފަސާދަޔާ ދެކޮޅަށް ހޭލައި ކަމަށެވެ.
Ehburun Inthihab Kaamiyaab kureveynee Huvafenun.!! Dhivehi Lobuvethi Rayyithu Thibee Heylaa.!!Vakkamaai, Corruption Aai Fasaadhayaa Dhekolhah.!! @ahmed_nihan https://t.co/AkNr5z803C
— عبدالله أحمد (@AblhoMP) January 8, 2018
ޢަބްދުﷲ އަހުމަދަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅެކެވެ. އަބްދުﷲ ޕީޕީއެމްއަށް ބަދަލުވި ނަމަވެސް ސަރުކާރުގެ ކަންކަން ހުރިގޮތުން ރައީސް ޔާމީން ފެކްޝަން ދޫކުރައްވާ އިސްލާހީ މަސައްކަތާ ގުޅިވަޑައިގަތުމާއެކު އިލެކްޝަންސް ކޮމިޝަނުން ވަނީ ޢަބްދުﷲ އަހުމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައެވެ.