ލ. މުންޑޫ ކައުންސިލްގެ ނައިބް ރައީސް އާދަމް ނާސިފު އަނިޔާކުރި ކަމަށް ބުނާ އަންހެންމީހާގެ ހާލު ރަނގަޅު ކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނީ މާރާމާރީގައި އަނިޔާވި އަންހެންމީހާއަށް އެޑްމިޓުކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. އަންހެންމީހާގެ ބޮލަށް އަނިޔާލިބި ކަންފަތަށް ގެއްލުން ލިބިފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
މި މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން މުންޑޫ ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން އުމުރުން 19 އަހަރަކު ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.
މުންޑޫއިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، ނާސިފުގެ އަނބިކަނބަލުން މަސައްކަތް ކުރައްވަނީ އެ ރަށު މެޖިސްޓްރޭޓް ކޯޓުގައި ކަމަށްވާއިރު، މާރާމާރީ ހިނގުމުގެ ކުރިން ނާސިފުގެ އަނބިކަނބަލުންނާއި އެ އަންހެން މީހާއާ ދެ މީހުން ކޯޓު ބޭރުގައި ޒުވާބު ކުރަނިކޮށް ބައެއް މީހުންނަށް ފެނިފައިވެއެވެ.
މާރާމާރީ ހިނގުމުގެ ކުރިން ނާސިފާއި އެ އަންހެން މީހާއާ ދެމެދު ވެސް ހޫނު ޒުވާނެއް ހިނގި އެވެ. އަދި އެރަށު ކައުންސިލް އިދާރާއަށް އެ އަންހެން މީހާ ވަދެ، ނާސިފުގެ ކޮޓަރީގެ ދޮރުގައި ތަޅައި، ކައުންސިލް އިދާރާގެ ތެރޭގައި އަޑުގަދަ ކުރި ކަމަށް އެރަށުން މައުލޫމާތު ދިން މީހުން ބުންޏެވެ. އަދި ކައުންސިލް އިދާރާއަށް ވަން މައްސަލަ ފުލުހުންނަށް ހުށަހެޅި ކަމަށް ވެސް ބުންޏެވެ.