މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އެއްބުރުން ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބު ކޮށްދެއްވާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އިން "ރުމާލު2"ގައި ބޭއްވި ޖަލްސާގައި ނިހާން ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް ކުރަމުންދާ މަސައްކަތް އޭނާއާ ދިމާކޮށްގެން ހުއްޓުވާ ނުލެވޭނެ ކަމަށެވެ.
"ދިވެހި ރާއްޖޭގެ ތާރީހުގައި މަލްޓިޕާޓީ އިލެކްޝަނެއްގައި އެއްވެސް ގޮތަކުން އެއްބުރުން ފުރަތަމަ ފަހަރަށް ރިޔާސީ ކެނޑިޑޭޓަކު މި ގޮނޑީގައި ބައިންދާ ކަމަށްވާނަމަ ﷲގެ ހެޔޮ ރަހްމަތާއެކުގައި ރައީސް ޔާމިން ބައިދާނަން. އެކަމެއް އަޅުގަނޑާ ދިމާކޮށްގެން ނުހުއްޓުވޭނެ،" ނިހާން ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށް ތައުރީފު ކުރައްވައި، ނިހާން ވިދާޅުވީ ޕީޕީއެމްއިން ސިޔާސީ މަސައްކަތް ކުރަމުންދާއިރު ފާތިމަތު އިބްރާހިމް ގެންދަވަނީ ކެތްތެރިކަމާއި އޯގާތެރި ކަމާއެކު އިޖްތިމާއީ ވަރަށް ބޮޑެތި މައްސަލަތައް ހައްލުކޮށްދެއްވަމުން ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބު "އެއްބުރުން" ކާމިޔާބު ކޮށްދެއްވަނީ ފާތިމަތު އިބްރާހިމާއި ޕީޕީއެމްއިން ކުރާ މަސައްކަތާ ވެސް އެކުގައި ކަމަށެވެ.
ނިހާން ވިދާޅުވީ ޕީޕީއެމްގެ އެކަކާ ދިމާކޮށްގެން ވެސް މަސައްކަތް ހުއްޓުވާ ނުލެވޭނެ ކަމަށާއި އެހެން ދީންތަކަށް ފުރުސަތު ދިނުމަށް މަސައްކަތް ކުރާ މީހުންނަށް އެކަން ކުރިޔަ ނުދިނުމަށް އެންމެ ފަހު ވަގުތު ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެހެންމެ ގާނޫނީ ވެރިކަމެއް ނަގަހައްޓާ ދަމަހައްޓައިދިން ހަމަ އެކަނި ވެރިއަކީ ރައީސް ޔާމިން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުގެ ތެރޭގައި ގާނޫނާ ހިލާފަށް ކުރި ކަމެއް ނޯންނާނެ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައިނުވެސް ކުރާނެ ކަމަށް ނިހާން ވިދާޅުވި އެވެ. މީގެ އިތުރުން ވެސް ރައީސް ޔާމިންއާ ގުޅޭ ގޮތުން ދައްކާ ހަގީގަތާ ހިލާފު ވާހަކަތައް ރައްޔިތުން އަޑު ނާހާނެ ކަމަށާއި މިއަދު ރައްޔިތުން ގުނބޯ ނުހެއްދޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.