ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ. އަންގާރަ ދުވަހުގެ އަޑުއެހުން ބޭއްވުމަށް ތާވަލު ކޮށްފައި އޮތީ ހެނދުނު 10:00 ގަ އެވެ.
ފާރިސްގެ މައްޗަށް ހިންގާ ޝަރީއަތުގައި މިހާރު ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ. މާދަމާ ވެސް އޮންނާނީ ފާރިސްގެ ފަރާތުން، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގައި ހުށަހަޅާ ކަންކަމެވެ. ފާރިސްގެ 23 ކަމެއް ހުށަހަޅާފައިވާއިރު، ދެން އޮންނަ އަޑުއެހުމުގައި އޮންނާނީ އެންމެ ފަހު ހުށަހެޅުމެވެ.
ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގައި ސޮއި ކުރުމަށް މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އެވެ. ފާރިސް ވަނީ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ.
އެ މައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު ފާރިސް ހައްޔަރު ކުރިއިރު، ޖުލައި 19 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. ފާރިސް ބަންދު ކޮށްފައިވަނީ މާފުށީ ޖަލުގަ އެވެ.
އެ ދައުވާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރު ކޮށްފައިވާއިރު ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ބޮޑެތި ކުށްތަކުގެ ތެރޭގައި ރިޝްވަތުގެ މައްސަލަތައް ނުހިމެނެ އެވެ. އަދި އެ ގާނޫނުގައި ބުނެފައިވަނީ ބޮޑު ކުށެއްގެ ތުހުމަތުގައި ނޫނީ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ނުބެހެއްޓޭނެ ކަމަށެވެ. އެ ގާނޫނަށް ހަވާލާދީ ހައި ކޯޓުން ވަނީ ރިޝްވަތުގެ ކުށުގެ ތުހްމަތު ކުރެވުނު މީހަކު ދޫކޮށްލުމަށް ވެސް އަމުރު ކޮށްފައެވެ.