ގއ. އަތޮޅު ކައުންސިލް ސަސްޕެންޑްކުރުމާ ގުޅިގެން ކައުންސިލް މެމްބަރު ހުސައިން އާދަމް މަހަށް ނިކުމެއްޖެއެވެ.
ކަނޑުމަތީގައި ދޯނުގައި ހުންނަވައި ހުސެން "ރާއްޖެއެމްވީ" އަށް ވިދާޅުވީ ކައުންސިލް ސަސްޕެންޓްކޮށްފައި ވަނީ އެއްވެސް ތާކުންތާކުނުޖެހޭ ކަމެއްގައި ކަމަށާއި އެ ސަސްޕެންޝަން ގަބޫލުނުކުރައްވާ ކަމަށެވެ.
ހުސައިން އާދަމަކީ ދާންދޫ ދާއިރާއިން އަތޮޅު ކައުންސިލަށް އިންތިހާބު ވެފައިވާ ކައުންސިލް މެމްބަރެވެ.
ހުސައިން ވިދާޅުވީ މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން މުސާރަ ނުހިނގާ ގޮތަށް އަދި އޮފީހަށް ވެސް ނުވަދެވޭ ގޮތަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުން ނިންމާފައި ވާތީ، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މަހަށް ނިކުންނެވީ ކަމަށެވެ.
ހުސައިން ވިދާޅުވީ އަނިޔާވެރިކަމާ ދެކޮޅަށް ބަސް ބުނާނެ ކަމަށާއި ޖެހިލުމެއް ވެސް ނުވާނެ ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ސަސްޕެންޝަން ނިމެންދެން މަހަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި މަސްވެރިކަން މިދުވަސްވަރު ރަނގަޅު ކަމަށް ވެސް ހުސެން ވިދާޅުވިއެވެ.
3 Mahah GA.Atholhu Council Suspend kurumun Atholhu Council Member @hussainadam1983 Masveri akah. Mi sacar ge aniyaaveri kamah aar bas bunaane bayaku neh. Nikamethinah nasru dhehvaane Aniyaaveri bali kurahvaane. In sha Allah #MinoonDhaureh pic.twitter.com/2RK7v4x3Vf
— Maimoon (@mrsays_) January 7, 2018
އެލްޖީއޭ އިން ގއ. އަތޮޅު ކައުންސިލްގެ އިދާރާގެ ޒިންމާދާރު ވެރިޔާ މުހައްމަދު ނަސީރަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ "އެލްޖީއޭއިން މިމަހުގެ 11 ވަނަ ދުވަހު ނެރެފައިވާ ސަރކިއުލަރ އިން ބޭރުގެ ދައުލަތްތަކާއި ޖަމްއިއްޔާތަކާއި ޖަމާއަތްތަކާއި އެފަރާތްތައް ތަމްސީލް ކުރާ ފަރާތްތަކާ ލޯކަލް ކައުންސިލް ތަކުން ބައްދަލުކޮށް މުއާމަލާތު ކުރުމުގެ އިޖުރާޢަތު ބަޔާންކޮށްފައިވަނިކޮށް، އެއިޖުރާއަތުތަކާ ޚިލާފަށް ގއ އަތޮޅު ކައުންސިލުން ހުއްދަ ހޯދުމަކާއި ނުލައި ބޭރުގެ ސަފީރަކާއި ބައްދަލުކޮށްފައިވާކަން، މައްސަލައާ ގުޅިގެން ލިބިފައިވާ ލިޔެކިޔުންތަކުންނާއި އެލްޖީއޭއިން ސާފުކުރި މައުލޫމާތުތަކުން ކަށަވަރުވާ" ކަމަށެވެ.
އެސިޓީގައި ބުނެފައި ވަނީ 13 ޑިސެމްބަރ 2017 އިން ފެށިގެން މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ތިން މަސް ދުވަހަށް ގއ އަތޮޅު ކައުންސިލްގެ ތިން މެންބަރުން ސަސްޕެންޑް ކުރުމަށާއި އެމުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ޚިދުމަތެއް ކައުންސިލުން ހޯދުން ނޫން ބޭނުމަކު ކައުންސިލްގެ އިދާރާއަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ކުރުމާއި އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްސީލް ކުރުން މަނާ ކުރުމަށް އެލްޖީއޭ ބޯޑުން ނިނމާފައިވާ ކަމަށެވެ. އަދި ކައުންސިލަރުންގެ ސަސްޕެންޝަންގެ މުއްދަތުގައި އެލްޖީއޭގެ މަޝްވަރާގެ މަތިން ކައުންސިލް ހިންގުމާ ހަވާލުވެ ހުންނާނީ ކައުންސިލްގެ އިދާރާގެ ޒިންމާދާރުވެރިޔާ ނުވަތަ އޭނާގެ މަސްއޫލިއްޔަތާ އެވަގުތަކު ހަވާލުވެ ހުރި ފަރާތް ކަމަށް އެސިޓީގައި ބުނެފައި ވެއެވެ.
އެލްޖީއޭއިން އެގޮތައް ނިންމާފައި މިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ގއ. އަތޮޅު ކައުންސިލުން، އިންޑިޔާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލު ކުރައްވާފައި ވަނިކޮށެވެ.