އިރުމަތީ ޗައިނާ ކަނޑުގައި ތެޔޮ ބޯޓަކާއި ކާގޯ ބޯޓެއް ޖެހި ހިނގި އެކްސިޑެންޓަށް ފަހު ތެޔޮ ބޯޓުން ތެޔޮލީކުވަމުންދާތާ ދެ ދުވަސްވެފައިވާއިރު ތިމާވެށީގެ ބޮޑު މުސީބާތަކަށް ވެދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސަންޗީ ޓޭންކަރުގައި ހޯމަ ދުވަހުގެ ހެނދުނުން ފެށިގެން ވަނީ އަލިފާން ރޯވެފައެވެ.
ފަޅުވެރިންގެ ތެރެއިން އީރާނުގެ 30 މީހުންނާއި ބަންގްލަދޭޝްގެ ދެ މީހުން ވަނީ ގެއްލިފައެވެ.
އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް އެހީވުމަށް އަސްކަރީ މަތިންދާބޯޓެއް ފޮނުވާފައެވެ. ނަމަވެސް ބޯޓުގައި ރޯވެފައިވުމާއި ސަރަހައްދަށް ތެޔޮ އެޅިފައި އޮތުމުން އެ މަސައްކަތަށް ވަނީ ހުރަސްތައް ކުރިމަތިވެފައެވެ.
ތެޔޮ ލީކުވެފައިވާ މިންވަރާއި ތިމާވެށި ތަޣައްޔަރުވެފައިވާ މިންވަރު އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.
ޓޭންކަރު އުފުލަމުން ދިޔައީ ކޮންޑެންސޭޓް ތެޔޮ ކަމަށްވާއިރު މިއީ އާއްމުކޮށް އުފުލާ ސާފު ނުކުރާ ތެލަށް ވުރެ ލީކުވެއްޖެ ނަމަ ތިމާވެއްޓަށް ނުރައްކާ ބާވަތެކެވެ.
ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ މި ބޯޓަކީ އީރާނުގެ ކުންފުންޏެއްގެ ބޯޓެކެވެ.
ހޮނިހިރު ދުވަހުގެ ރޭ ޗައިނާގެ ކާގޯ ބޯޓެއްގައި ޖެހުނު އިރު ސަންޗީ ގެންދިޔައީ އީރާނުން 136،000 ޓަނުގެ ތެޔޮ ހިފައިގެން ދަތުރުކުރަމުންނެވެ.
ބޯޓް އެކްސިޑެންޓްވެފައި ވަނީ ޝަންހާއީގެ އިރުން 165 ނޯޓިކަލް މޭލު އިރުމަތިންނެވެ.
ޗައިނާގެ ބޯޓުގެ 21 ފަޅުވެރިއަކު ވަނީ ސަލާމަތްކުރެވިފައެވެ. ދެކުނު ކޮރެއާ އިން ވެސް އެ ގައުމުގެ ކޯސްޓް ގާޑުގެ އުޅަނަދަކާއި ހެލިކޮޕްޓަރެއް ފޮނުވާފައިވާއިރު ޗައިނާގެ އެތައް އުޅަނދެއް ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ.