ސީރިއާގެ އިދްލީބްގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި 23 މީހަކު މަރުވެފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފިއެވެ.
ސީރިއާގެ ހުޅަނގުއުތުރުގެ ސަހަރެއް ކަމަށްވާ އިދްލީބްގައި ދިން ކާރު ބޮމުގެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އާއްމުންގެ ހަތް މީހަކު ހިމެނެއެވެ.
އާދީއްތަ ދުވަހުގެރޭ ކާރު ބޮމުގެ ހަމަލާ ދީފައި ވަނީ ސީރިއާގެ ހަތިޔާރުއެޅި ޖަމާއަތެއް ކަމަށްވާ "އަޖްނާދް އަލް ކަވްކަޒް"ގެ އިދްލީބްގައި ހުންނަ އަސްކަރީ ހެޑްކުއާޓަރަށެވެ.
އިނގިރޭސިވިލާތުގެ ލަންޑަންގައި ގާއިމްވެފައިވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއަކީ، ސީރިއާގެ އިންސާނީ ހައްގުތަކުގެ ހާލަތަށް ފާރަވެރިވާ އަމިއްލަ ޖަމިއްޔާ އެކެވެ. އެޖަމިއްޔާ އިން މަޢުލޫމާތު ހޯދަނީ އެޖަމާއަތުން ސީރިއާގައި ގާއިމްކޮށްފައިވާ މަސްދަރުތަކުގެ ވިއުގައަކުންނެވެ.
އެޖަމާއަތުން ބުނީ، އިދްލީބްގައި ދިން ހަމަލާގެ މަގްސަދު ސާފުވެފައިނުވާ ކަމަށާއި، މިއީ އަޖްނާދް އަލް ކަވްކަޒް ޖަމާއަތަށް ނިސްބަތްކޮށް ދިން ހަމަލާއެއް ކަން ބުނަން ނޭނގޭ ކަމަށެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ، މިހަމަލާގައި މަރުވި އާއްމުންގެ ތެރޭގައި އެއްބަނޑު އެއްބަފާ ތިން އަންހެން ކުދިން ހިމެނެއެވެ.
މިހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.
ސީރިއާގެ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައިވާ އިދްލީބް ޕްރޮވިންސްގެ ކޮންޓްރޯލް ހޯދުމަށް ސީރިއާގެ ރައީސް ބައްޝާރު އަލް-އަސަދުގެ ފައުޖުތަކުގެ އޮޕަރޭޝަންތައް ފާއިތުވި ހަފްތާތަކުގެ ތެރޭގައި ފުޅާކޮށްފައިވާއިރު، އެޕްރޮވިންސްގައި ހަމަލާތައް ދިނުން ވަނީ އާއްމުވެފައެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްގެ އަންދާޒާތަކަށް ބަލާއިރު، ފާއިތުވި ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިދްލީބް ޕްރޮވިންސްގެ 60 އަށް ވުރެ ގިނަ އަވަށުގެ ކޮންޓްރޯލް ސީރިއާގެ އަސްކަރިއްޔާ އިން ހޯދާފައިވެއެވެ.
އިދްލީބް ޕްރޮވިންސް އަދި ހާއްސަކޮށް އިދްލީބް ސަހަރުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަނީ ކުރިން އަލްޤައިދާ ޖަމާއަތުގެ ގޮތްޕެއްގެ ގޮތުގައި އޮތް ހައިޔަތު ތަހްރީރް އަލް-ޝަމް ނުވަތަ ކުރީގެ ނަމުން ނަމަ ޖަބްހަތު އަލް-ނުސްރާއެވެ.
އެޖަމާއަތުގެ އިތުރުން ތުރުކީ އަދި އެމެރިކާ އިން މަދަދުދޭ އިދިކޮޅު ހަތިޔާރު އެޅި ޖަމާއަތްތައް ވެސް އިދްލީބްގައި ހަރަކާތްތެރިވެއެވެ.