އަނިޔާވެރި ރަހުމުކުޑަ ހަމަލާއެއްގައި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރާލި މައްސަލައިގެ ޝަރީއަތުގައި ހޯމަ ދުވަހަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.
ޔާމީންގެ މަރުގެ މައްސަލައިގައި ހޯމަ ދުވަހުގެ މެންދުރު ފަހު 3:00 އަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކުރި ވަކި ސަބަބެއް ކްރިމިނަލް ކޯޓުން ނުބުނެއެވެ.
ޔާމީން މަރާލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލްގެ މައްސަލައެވެ.
މި މައްސަލައިގައި މިދިޔަ އަހަރުގެ ނޮވެމްބަރު 7 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ހައިޝަމާއި، ޒިހާނާއި، ދިފްރާނުގެ އިތުރުން ޝިފާޒު ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އިސްމާއިލް ރަޝީދާއި ހުސައިން ޒިޔާދުގެ ފަރާތުން ބުނެފައި ވަނީ ދައުވާ ސާފުނުވާ ކަމަށެވެ.
މި މައްސަލައިގައި މިހާރު ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ.
ޔާމީންގެ މަރުގެ މައްސަލައިގައި ޝަރީއަތް ހިންގަމުންދަނީ އާންމުންނާއި ނޫސްވެރިން ނުވައްދައި، ސިއްރު ކޮށްގެންނެވެ. ޝަރީއަތް ސިއްރުކުރީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އެދިވަޑައިގަތުމުގެ މައްޗަށް ކަމަށްވާއިރު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނާ ގޮތުގައި ސިއްރުކުރަން އެދުނީ މައްސަލައިގެ ވަކި އަޑުއެހުންތަކެކެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އިސްމާއީލް ރަޝީދާއި، ހައިޝަމާއި، ޒިހާނަކީ ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ތިން މީހުންނެވެ. ޔާމީން މަރާލާފައި ވަނީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ބައެއް ކަމަށާއި އެ މީހުން ޔާމީން މަރާލާފައި ވަނީ ވަރަށް ބޮޑަށް ރާވައިގެން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނުނީ މި އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ މ. ސްޕެޓިއުލާގޭގެ ސިޑި ގޮޅި ކައިރިންނެވެ.