ކ. މާލެ
|
8 ޖެނުއަރީ 2018 | ހޯމަ 11:03
އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ: އީރާނުން ހަނގުރާމަވެރި ޖަމާއަތްތަކަށް މަދަދުދޭ ކަމަށް ތުހުމަތު ކުރެވޭ
އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ: އީރާނުން ހަނގުރާމަވެރި ޖަމާއަތްތަކަށް މަދަދުދޭ ކަމަށް ތުހުމަތު ކުރެވޭ
ރޮއިޓަރސް
އީރާން
އީރާނުން މަދަދުދޭ ހަނގުރާމަވެރި ގްރޫޕްތަކުގެ ލިސްޓެއް އާއްމުކޮށްފި
އާއްމުކުރި ލިސްޓްގައި ހިމެނެނީ އަށް ގައުމަކަށް ނިސްބަތްވާ 12 ޖަމާއަތް
މި ލިސްޓުގައި އިރާގުގެ ހަނގުރާމަވެރި ފަސް ގްރޫޕެއް ހިމެނޭ

އީރާނުން މަދަދުދޭ ކަމަށް ތުހުމަތު ކުރެވޭ ހަނގުރާމަވެރި ގްރޫޕްތަކުގެ ލިސްޓެއް އާއްމުކޮށްފިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކުގެ ތެރެއަށް ވަނުމަށް އީރާނުން ހަނގުރާމަވެރި ޖަމާއަތްތަކަށް މަދަދު ދޭ ކަމަށް އަރަބި އޮބްޒާވަރުންނާއި ގަލްފްގެ ގައުމުތަކުން ތުހުމަތު ކުރެއެވެ. އަދި ޓެރަރިސްޓް ޖަމާއަތްތަކަށް ޚަރަދުކޮށް، އެފަދަ ގްރޫޕްތަކަށް މަދަދު ދެނީ މެދުއިރުމަތީގައި އީރާނުގެ ނުފޫޒު ގަދަކުރުމަށް ކަމަށް އެގައުމުތަކުން ތުހުމަތު  ކުރެއެވެ.

ސައުދީ އަރަބިއްޔާގެ ނޫހެއް ކަމަށްވާ އަލް-އަރަބިއްޔާ އިން އާއްމުކޮށްފައިވާ މިލިސްޓުގައި ހިމެނޭ ބައެއް ޖަމާއަތްތަކަކީ، އެޖަމާއަތްތަކަށް އީރާނުގެ މަދަދު ލިބޭކަން ފާޅުގައި އިއުލާންކޮށްފައިވާ ޖަމާއަތްތަކެވެ.

އެގޮތުން ލުބުނާނުގެ ހިޒްބުﷲ ޖަމާއަތަކީ އީރާނުގެ މާލީ އެހީތެރިކަމާއި، މަދަދު ލިބޭ ކަމަށް އެއްބަސްވެފައިވާ ޖަމާއަތެކެވެ. މީގެ އިތުރުން އިރާގުގެ ޝިއައީންގެ ޕެރަމިލިޓަރީ ބްރިގޭޑްގެ ހަނގުރާމަވެރިން ތަމްރީން ކުރުމަށާއި، ހަނގުރާމަވެރިންނަށް އެހީތެރިވުމަށް އީރާނުގެ އަސްކަރިއްޔާގެ އޮފިޝަލުން އާއްމުކޮށް އީރާގަށް ދަތުރުކުރެއެވެ.

މީގެ އިތުރުން އދ. އިން ނެރެފައިވާ ރިޕޯޓެއްގައި ވަނީ، ސައުދީ އަރަބިއްޔާ އަށް ހަމަލާ ދިނުމަށް ޔަމަނުގެ ހޫޘީ ހަނގުރާމަވެރިންނަށް އީރާނުން މިސައިލް ފޯރުކޮށްދޭކަން ހާމަކޮށްފައެވެ.

އީރާނުން މަދަދުދޭ ކަމަށް ބުނެ އާއްމުކޮށްފައިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ލިސްޓްގައި އަށް ގައުމަކަށް ނިސްބަތްވާ ހަނގުރާމަވެރި ޖަމާއަތްތައް ހިމެނެއެވެ. މީގެ ތެރޭގައި އެންމެ ގިނަ އިން ހިމެނިފައި ވަނީ އިރާގަށް ނިސްބަތްވާ ޖަމާއަތްތަކެވެ. މި ލިސްޓުގައި ގިނައިން ހިމެނެނީ ޝިއައީންގެ ހަނގުރާމަވެރި ޖަމާއަތްތަކެވެ.

އީރާނުން މަދަދުދޭ ހަނގުރާމަވެރި ޖަމާއަތްތައް:

  1. ހިޒްބުﷲ ޖަމާއަތް (ލުބުނާން)
  2. ހިޒްބުﷲ ބްރިގޭޑްސް (އިރާގް)
  3. ހިޒްބުﷲ އަލް-ނުޖާބާ (އިރާގް)
  4. އަސާއިބް އަހްލް އަލް ޙައްޤު (އިރާގް)
  5. ބަދްރު އޯގަނައިޒޭޝަން (އިރާގް)
  6. ލިވާ އަބޫ އަލް-ފަދަލް އަލް-އައްބާސް (އިރާގް)
  7. ހިޒްބުﷲ އަލް-ހެޖާޒް (ސައުދީ އަރަބިއްޔާ)
  8. ހޫތީން / އަންސަރުﷲ (ޔަމަން)
  9. ލިވާ ފަތެމިޔޫން (އަފްޣާނިސްތާން)
  10. އިސްލާމިކް ފްރަންޓް ފޯ ދަ ލިބަރޭޝަން އޮފް ބަހްރެއިން (ބަހްރެއިން)
  11. ޝެހިޚް އިބްރާހިމް ޒަކްޒަކީގެ އިރުޝާދުގެ ދަށުން ހިންގާ އިސްލާމިކް މޫވްމަންޓް (ނައިޖީރިއާ)
  12. މުޙައްމަދުގެ ލަޝްކަރު (ޕާކިސްތާން)

މި ލިސްޓުގައި ހިމެނޭ އޭޝިއާ އަށް ނިސްބަތްވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަނގުރާމަވެރިން، ފާއިތުވި އަހަރުތަކުގައި އީރާގާއި ސީރިއާގައި ކުރިއަށްދިޔަ ހަނގުރާމާގައި ބައިވެރިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެގޮތުން އަފްޣާނިސްތާނުގެ "ވޮލަންޓިއަރ ރެކްރޫޓުން" ގެ މައްޗަށް އެކުލެވޭ ލިވާ ފަތެމިޔޫން ޖަމާއަތުގެ ހަނގުރާމަވެރިން، ސީރިއާގެ ހަނގުރާމާގައި ފަސް އަހަރު ވަންދެން ބައިވެރިވެފައިވާ ކަމަށް އެބްރިގޭޑްގެ ސަގާފީ އޮފިޝަލެއް ކަމަށްވާ ޒުހައިރު މުޖާހިދު އެއްބަސްވެވަޑައިގެންފައި ވެއެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޒުހައިރު މުޖާހިދު ވަނީ، ސީރިއާ ހަނގުރާމާގައި ދީނަށްޓަކައި އެބްރިގޭޑްގެ ދެހާހަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށާއި، އެހަނގުރާމައިގައި އެޖަމާއަތުގެ އަށްހާހަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ބުނެފައެވެ.

- ކޮމެންޓް