ސަންޖޭ ލީލާ ބަންސާލީގެ ލޯބީގެ ތާރީހީ ފިލްމް "ޕަދްމާވަތީ" އަށް ދިމާވި މައްސަލަތަކާ ހުރެ ސެންސަރު ބޯޑުން އެފިލްމު ފާސްނުކޮށްދީގެން މީގެ ކުރިން އޭނާއަށް ވަނީ އުނދަގޫތަކާ ކުރިމަތި ވެފައެވެ.
އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި މި ފިލްމު އަޅުވަން ބަންސާލީ ވަނީ މިމަހުގެ 25 ވަނަ ދުވަސް ހަމަޖައްސާފައެވެ.
ސެންސަރު ބޯޑުން އެ ފިލްމު މިހާރު ފާސްކޮށްދީފައިވާއިރު ޝަރުތުތަކެއް ވަނީ ކޮށްފައެވެ. އެ ފިލްމަށް ކުރިން ކިޔަމުން އައި "ޕަދްމަވަތީ" ގެ ނަން "ޕަދްމަވާތު" އަށް ބަދަލުކުރުމަށާއި މި ފިލްމުގެ މިހާރު ނިކުމެފައިވާ ލަވަ "ގޫމަރު" ގެ ބައެއް ލަފުޒުތައް ބަދަލުކުރަން ވެސް ވަނީ ޝަރުތު ކޮށްފައެވެ.
މި ފިލްމު ސެންސަރު ބޯޑުން ފާސްކުރުމަށް ފަހު "ޕާދްމަވަތީ" ޓީމާ ހަވާލުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގައެވެ.
މި ފިލްމާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލާ ރާޖްޕޫތު ކަރްނީ ސޭނާ އިން ވަނީ ފިލްމު ފާސްކޮށްދޭން ނިންމުމުން އެކަމާ ހިތްހަމަނުޖެހުން ފާޅު ކޮށްފައެވެ. އެމީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ފިލްމު ފާސްކޮށްދޭން ނިންމުމަކީ އިންޑިއާގައި ހަމަނުޖެހުން ނަގާލުމަށް މަގުފަހި ކުރުވުން ކަމަށެވެ. އަދި މި ފިލްމު އެޅުވުމުން ހިނގައިދާ ހަމަނުޖެހުންތަކަށް އިންޑިއާގެ ސަރުކާރުން ޒިންމާ ނަގަން ޖެހޭނެ ކަމަށް ރާޖްޕޫތު ގުރޫޕުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. މި ފިލްމު އެޅުވުމަށް އެންމެ ފުރަތަމަ ހަމަޖެއްސީ މިދިޔަ ޑިސެމްބަރު މަހުގެ 1 ގައެވެ. މި ފިލްމު އެދުވަހަށް އަޅުވަން އިއުލާން ކުރުމާ އެކު ރާޖްޕޫތު ގުރޫޕުން ވަނީ މި ފިލްމު އެޅުވުމާ ދެކޮޅަށް މުޒާހަރާތައްކޮށް ފިލްމުގެ ކާސްޓުންނަށް މަރުގެ އިންޒާރު ދީފައެވެ. އެގޮތުން އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ނަދަން ހަރިޔާނާގެ ކުރީގެ ޗީފް މީޑިއާ ކޯޑިނޭޓަރ ސޫރަޖް ޕަލް އަމޫ ވަނީ ދީޕިކާ އާއި ފިލްމުގެ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީގެ ބޯ ބުރިކޮށްލި ބަޔަކަށް 1.5 މިލިއަން އިންޑިއާ ރުޕީސް ދޭނެ ކަމަށް ބުނެ އަގުކިޔާފައެވެ. އެހެން ނަމަވެސް ފަހުން އޭނާ ވަނީ އެކަމަށް މާފަށް އެދިފައެވެ.
ޕާދްމަވަތީގެ ޓީމަށް ކުރިމަތިވަމުންދާ އިންޒާރުތަކާ ހެދި އެޓީމުގެ ސެކިއުރިޓީ ވަނީ ވަރުގަދަ ކޮށްފައެވެ. މި ފިލްމު އެމެރިކާގައި އަޅުވާނީ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުގައެވެ.