މިއަހަރު ބާއްވާ މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާނެކަން ކުރީގެ ބޮޑުވަޒީރު އަހުމަދު ޝަފީގް އިއުލާން ކުރައްވައިފި އެވެ.
މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީ ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވޭ މިއިންތިޚާބުގައި، ސިސީ އާ ވާދަކުރައްވާނެ ކަމަށް ޝަފީގް މީގެ ކުރިން ވިދާޅުވެފައިވެއެވެ.
އިންތިޚާބުގައި ވާދަ ކުރެއްވުމަށް ނިންމެވި ނިންމެވުން ޝަފީގް ބަދަލުކުރައްވާފައިވަނީ، އަމިއްލަ އަށް އަރުވާލެވިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. 2012 ވަނަ އަހަރުން ފެށިގެން ޔޫއޭއީގައި ދިރިއުޅުއްވަމުން ގެންދެވި ޝަފީގް އެނބުރި މިސްރަށް ވަޑައިގެންފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަމުގެ ދުވަސްވަރު އެގައުމުގެ ބޮޑުވަޒީރުކަން ކުރެއްވި ޝަފީގް، އޮންލައިން ކޮށް ނެރުއްވި ބަޔާނެއްގައި ވަނީ، 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި، އޭނާ އަކީ އެކަމަށް އެންމެ ރަނގަޅު ފަރާތް ނޫންކަން ގަބޫލްކުރާ ކަމަށެވެ.
މިސްރުގެ އެއަރ ފޯސްގެ ކޮމާންޑަރ-އިން-ޗީފްގެ މަގާމާއި، މިސްރުގެ ސިވިލް އޭވިއޭޝަން މިނިސްޓަރުގެ މަގާމް އަދާކުރައްވާފައިވާ އަހުމަދު ޝަފީގް އެގައުމުގެ ބޮޑުވަޒީރުކަން ކުރައްވާފައިވަނީ ހުސްނީ މުބާރަކްގެ ވެރިކަމުގެ ފަހު ދުވަސްވަރު އެވެ. އޭނާ އެމަގާމަށް އައްޔަން ކުރައްވާފައިވަނީ 2011 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު އެވެ. އެހެންނަމަވެސް މުބާރަކްގެ ވެރިކަމާއި ދެކޮޅަށް މިސްރުގައި އޭރު ކުރި މުޒާހަރާތަކާއި ގުޅިގެން، އާއްމުންނާއި އިދިކޮޅު ފަރާތްތަކުގެ ޕްރެޝަރާއި ހެދި، ބޮޑުވަޒީރު ކަމުގެ މަގާމުން އެއަހަރުގެ މާޗް މަހުގެ 3 ވަނަ ދުވަހު ޝަފީގް އިސްތިއުފާ ދެއްވި އެވެ. ޝަފީގް އިސްތިއުފާ ދެއްވާފައިވަނީ، އެކަމަށް ގޮވާލާ ބޮޑު މުޒާހަރާއަކަށް އެއް ބޭއްވުމަށް އެއް ދުވަހަށް ވެފައިވަނިކޮށެވެ.
ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު 2012 ވަނަ އަހަރު އެގައުމުގައި ބޭއްވި ރިޔާސީ އިންތިޚާބަށް ޝަފީގް ނުކުންނެވިއެވެ. އެހެންނަމަވެސް އިންތިޚާބުގެ ދެވަނަ ބުރުގައި ހަނި އަޣުލަބިއްޔަތަކާއެކު ޝަފީގްގެ މައްޗަށް ކުރި ހޯއްދަވައި، މިސްރުގައި ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންނެވީ މުސްލިމް ބްރަދަހުޑް ޕާޓިގެ ކެންޑިޑޭޓް މުޙައްމަދު މުރްސީ އެވެ.
އެ އިންތިޚާބުގެ ދެވަނަ ބުރުގެ ނަތީޖާ އިއުލާން ކުރިތާ މާގިނައިރުތަކެއްނުވެ، ޝަފީގް ވަނީ އާއިލާ އާއެކު ފިއްލަވައިގެން އަބޫ ދާބީ އަށް ވަޑައިގަންނަވާފައެވެ.
އަމިއްލަ އަށް އަރުވާލެވިގެން ޔޫއޭއީގައި ހުންނަވައިގެން، 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޝަފީގް ވަނީ މިސްރުގެ ޕެޓްރިއޮޓިކް މޫވްމަންޓްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަވާނެކަން އިޢުލާން ކުރައްވާފައެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވައި، ކެމްޕެއިން ފެށްޓެވުމަށް އެނބުރި ގައުމަށް ވަޑައިގަންނަވާނެކަން ޝަފީގް އެންމެ ފުރަތަމަ އިއުލާން ކުރެއްވީ ރޮއިޓަރސް އަށް ފޮނުވި ވީޑިއޯ އެއް މެދުވެރިކޮށެވެ.
އެހެންނަމަވެސް އެވީޑިއޯ އާއްމު ކުރިތާ މާގިނައިރުތަކެއް ނުވެ، އަލްޖަޒީރާ އަށް ފޮނުވި ވީޑިއޯ މެސެޖެއްގައި ޝަފީގް ވަނީ އޭނާ ޔޫއޭއީ ދޫކުރައްވައި ވަޑައިގެންނެވުމުގެ ހުއްދަ ލިބިވަޑައިނުގެންނެވި ކަމަށް ވިދާޅުވެ، މިސްރުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް ޔޫއޭއީ އިން މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ކުރައްވާފައެވެ. އަލްޖަޒީރާ އިން އެވީޑިއޯ އާއްމު ކުރުމާއެކު ޝަފީގްގެ ގާނޫނީ ވަކީލާއި އޭނާގެ ޕާޓީ އިން ވަނީ ޝަފީގް ޔޫއޭއީ ދޫކުރައްވާ، އެނބުރި މިސްރަށް ވަޑައިގަތުމަށް 48 ގަޑިއިރުގެ މުހުލަތެއް ޔޫއޭއީގެ ސަރުކާރުން ދީފައިވާކަން ހާމަކޮށްފައެވެ.