ލ. މުންޑޫ ގައި އަންހެނަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެރަށު ކައުންސިލުގެ ނައިބު ރައީސްއާއި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މުންޑޫގައި އާދިއްތަ ދުވަހު ހިނގި މާރާމާރީއަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އެރަށު ކައުންސިލުގެ ނައިބު ރައީސް އާދަމް ނާސިފާއި އުމުރުން 19 އަހަރުގެ ޒުވާނެކެވެ.
މި މާރާމާރީގައި އަންހެން މީހާގެ ބޮލަށް ވަނީ އަނިޔާތަކެއް ލިބިފައެވެ. ލ. ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގައި އެ މީހާއަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.
މުންޑޫއިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، ނާސިފުގެ އަނބިކަނބަލުން މަސައްކަތް ކުރައްވަނީ އެ ރަށު މެޖިސްޓްރޭޓް ކޯޓުގައި ކަމަށްވާއިރު، މާރާމާރީ ހިނގުމުގެ ކުރިން ނާސިފުގެ އަނބިކަނބަލުންނާއި އެ އަންހެން މީހާއާ ދެ މީހުން ކޯޓު ބޭރުގައި ޒުވާބު ކުރަނިކޮށް ބައެއް މީހުންނަށް ފެނިފައިވެއެވެ.
މާރާމާރީ ހިނގުމުގެ ކުރިން ނާސިފާއި އެ އަންހެން މީހާއާ ދެމެދު ވެސް ހޫނު ޒުވާނެއް ހިނގި އެވެ. އަދި އެރަށު ކައުންސިލް އިދާރާއަށް އެ އަންހެން މީހާ ވަދެ، ނާސިފުގެ ކޮޓަރީގެ ދޮރުގައި ތަޅައި، ކައުންސިލް އިދާރާގެ ތެރޭގައި އަޑުގަދަ ކުރި ކަމަށް އެރަށުން މައުލޫމާތު ދިން މީހުން ބުންޏެވެ. އަދި ކައުންސިލް އިދާރާއަށް ވަން މައްސަލަ ފުލުހުންނަށް ހުށަހެޅި ކަމަށް ވެސް ބުންޏެވެ.
އެ ރަށުގެ ބައެއް މީހުން ބުނާ ގޮތުގައި، ޒުވާބާއި މާރާމާރީ ހިނގާފައިވަނީ ކުޅިވަރު ކުޅުމުގެ ތެރޭގައި ޖެހުނު މައްސަލައަކާ ގުޅިގެންނެވެ.