އިދިކޮޅު ހުރިހާ ލީޑަރުން ކޯލިޝަނެއް ހަދައިގެން ވެސް މާލޭ މަގުމައްޗަށް 200 މީހުން ވެސް ނުނެރުވުނު ކަމަށް ވިދާޅުވެ ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގަ އާދިއްތަ ދުވަހު ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް އުޅެއުޅެ ވެސް ސަރުކާރު ވައްޓައެއް ނުލެވުނު ކަމަށެވެ.
"ހުރިހާ ވެރިން. ހުރިހާ މަގުބޫލު ވެރިން، ބައެއް ބޭފުޅުން ތިއްބެވީ ޖަލުގައި، އެހެން ނަމަވެސް އެ ބޭފުޅުންގެ މަގުބޫލުކަން އޮންނާނެތާ،. ގައުމުގެ ރައްޔިތުންގެ އަޑު ކަމަށް އިއްވަން އުޅޭ އަޑުގައި އެއްވެސް ރައްޔިތަކު ނުހިނގި. ހުރިހާ ވެރިން ފަހަތުގައި ތިބެގެން ކޮންމެވެސް ޑިމޮކްރަސީއެއްގެ ވާހަކަ ދައްކައިގެން، އެކި ކުލަ ކުލައިގެ ޖަގަހަތައް ފަހަތައް ލައިގެން މި ދައްކާ ވާހަކަތަކުގެ ތެރެއިން ދުއިސައްތައެއްހާ މީހުން މާލޭގެ މަގުމައްޗަށް ނުނެރެވުން. އާ ދެން މިހާރު އެނގިއްޖެ ދިވެހި ރައްޔިތުން ބޭނުންވަނީ ވަކި މީހަކު ވެރިކަމުގައި ބަހައްޓާކަށް ނޫން ކަން، ތަރައްގީކަން،" އަޒްލީން ވިދާޅުވިއެވެ.
ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވީ ރައީސް ޔާމިން މި ގައުމަށް ތަރައްގީ ގެންނަވަނީ އެންމެ ފުރަތަމަ ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރެއްވުމަށް ފަހު ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމިން ވެރިކަން ކުރައްވަނީ އަމިއްލަފުޅު ބޭނުމެއް އޮވެގެން ނޫން ކަމަށެވެ.
"އެމަނިކުފާނު ތަރައްގީ ގެންނަވަނީ މި ގައުމުގެ ރައްޔިތުންނަށް އެންމެ ފުރަތަމަ މި ގައުމުގެ ހަމަ ބިމުގައި ހިނގާލެވޭ މަގު ކޮށްޓަވައި، ދައްކަވާ ދެއްވާފައި. އަމާންކަމާއި އޮމާންކަމާއި ކަށަވަރުކޮށްފައި ބަހައްޓަވާފައި އަނެއްކޮޅުން ތަރައްގީ ހޯއްދަވާ ދެއްވަނީ. މި ތަރައްގީއަކީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއަދު ރައީސް ޔާމިން ވެރިކަން ކުރައްވަނީ ދައުލަތުގެ ހުރިހާ ބާރެއްގެ އެއްބާރުލުން ލިބި ރައްޔިތުންގެ ލޯބި ލިބިގެން ކަމަށާއި އެހެން ކަމުން ގައުމު ދާނީ އަމާންކަމާއި އޮމާންކަމާ އެކު ކުރިއަށް ކަމަށެވެ.
ރައީސް ނަޝީދަށް ގިނަ ބަހުގެ ހަމަލާތަކެއް ދެއްވައި، މިނިސްޓަރު ވިދާޅުވީ ޑިމޮކްރަސީގެ އަގު ވައްޓާލެއްވީ ވެސް ރައީސް ނަޝީދު ކަމަށެވެ. އަދި ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމަށް ފަހު ވަޑައިގެންނެވީ ޑިމޮކްރަސީއަށް ދޭންވާ އިހްތިރާމް ދިނުމަށް ވެސް ޖެހިލުންވާ ވަރަށް ޑިމޮކްރަސީ ހަޑި ކުރައްވާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން އުޅެނީ ސަރުކާރާ ދެކޮޅަށް ރައްޔިތުން ނުނިކުތުމުން ބޭރުގެ އެކި ފަރާތްތަކާ ގުޅިގެން ރާއްޖެއަށް ހަލަބޮލިކަން ގެންނަން ކަމަށް ވެސް އަޒްލީން ވިދާޅުވިއެވެ. ހަމައެހެންމެ މި ވެރިކަމަށް އެއްވެސް ގައުމަކަށް ލޮޅުމެއް އަރުވާ ނުލެވޭނެ ކަމަށާއި ބޭރުގެ ގައުމަކުން ރާއްޖެއަށް އަރަން ދައްކާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ހޯމް މިނިސްޓަރު ވިދާޅުވީ ގާނޫނީ ވެރިކަން ހިމާޔަތްކުރުމަށް ދިވެހި ފުލުހުންނާއި ސިފައިން ތިބޭނެ ކަމަށާއި އެމީހުން ތިބި ވަކި ބައެއްގެ ފަހަތުގައި ކަމަށް ދެކެވޭ ވާހަކައަކީ "ހޮޅި ވާހަކައެއް" ކަމަށެވެ.