މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި ތަރައްގީކުރާ ފުޑްކޯޓުތަކުގައި ހިމެނޭ ކެފޭތައް ކުއްޔަށް ދޭނެ އަގުތައް އިއުލާންކޮށްފިއެވެ.
އެސްޓިއޯ އިން ކުރި އިއުލާންގައި ބުނެފައި ވަނީ ތިން ސައިޒެއްގެ ކެފޭތައް ހިމެނޭ ކަމަށާއި އެއީ 960 އަކަފޫޓުގެ ކެފޭ އާއި، 1260 އަކަފޫޓުގެ އިތުރުން 1660 އަކަފޫޓުގެ ކެފޭތަކެވެ. ފުޑްކޯޓްތަކުގައި ހިމެނޭ ކެފޭތައް ކުއްޔަށް ދޫކުރުމަށް ނިންމާފައި ވަނީ، އަކަފޫޓެއް 53ރ. ގެ ރޭޓުންނެވެ. އެ ރޭޓުން ބަލާ ނަމަ އެންމެ އަގު ހެޔޮ ކެފޭއެއްގެ މަހު ކުލި ވެސް އުޅޭނީ 50،000ރ. އަށް ވުރެ ވެސް މަތީގައެވެ. އެންމެ ބޮޑެތި ކެފޭތަކުގެ ކުލި 87،980ރ. އަށް އަރައެވެ.
ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުގެ ކުރިން އެސްޓިއޯއަށް ޕްރޮޕޯސަލް ހުށަހަޅަންޖެހެއެވެ. އެ އިއުލާންގައި ބުނެފައި ވަނީ ބިޑް ކާމިޔާބުކުރާ ފަރާތްތަކަށް ހަތް ދުވަހުގެ ތެރޭގައި ތިން މަސްދުވަހުގެ ސެކިއުރިޓީ ޑިޕޮސިޓް ދައްކަންޖެހޭނެ ކަމަށެވެ.
ފުޑް ކޯޓުތަކުގެ މަސައްކަތް ކުރިއަށްދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެނެވެ. އެއީ އަމީނީ މަގު ފިޔަވައްސާއި އިއްޒުއްދީން މަގު ފިޔަވައްސެވެ. މިދިޔަ ޑިސެމްބަރ މަހުގެ ތެރޭގައި ފުޑް ކޯޓުތައް ކުއްޔަން ދިނުމަށް ހުޅުވާލުމަށް ފަހު އެކަށީގެންވާ ތަރުހީބު ނުލިބޭ ކަމަށް ބުނެ އިއުލާން ވަނީ ކެންސަލްކޮށްފައެވެ.
ހާބަރުގެ ކަޑަތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ހައުސިން މިނިސްޓްރީން އެސްޓީއޯއާ އެކު އެއްބަސް ވުމެއްގައި ސޮއިކުރީ ޖެނުއަރީ 2016 ގައެވެ. އޭރު އެ މަސައްކަތް ހަވާލުކުރީ ހަ މަސްދުވަހުގެ ތެރޭގައި ނިންމުމަށް ފަހު އަލުން ހުޅުވާ ގޮތަށެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި އެ މަސައްކަތް ލަސްވީ ޑިޒައިނަށާއި އެނޫން ވެސް ބައެއް ކަންކަމަށް ބަދަލުތަކެއް ގެންނަން ޖެހިގެންނެވެ. އޭގެ އިތުރުން މަސައްކަތަށް އެކަށީގެންވާ ރަނގަޅު ކޮންޓްރެކްޓަރެއް ހޯދަން ވެސް ވަގުތުތަކެއް ހޭދަވި ކަމަށް އެ ކުންފުނިން ބުންޏެވެ.
އެތަނުގައި ކުރިން ހިންގި ކެފޭތައް އަތުލުމަށް ފަހު އެހާ ގިނަ ދުވަސްތަކެއް ވެގެން ދިޔައިރު ވެސް ޚިދުމަތް ދޭން ނުފެށުމުން ގިނަ ބައެއްގެ ފާޑު ކިއުން ވަނީ އަމާޒުވެފައެވެ.