ލ. މުންޑޫ ކައުންސިލްގެ ނައިބް ރައީސް އާދަމް ނާސިފް އަންހެނަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގް ކުރަން ފަށައިފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގީ އާދީއްތަ ދުވަހުގެރޭގައެވެ. އެރަށުން ވާހަކަދެއްކި މީހަކު ބުނީ އެ މައްސަލާގައި ތުހުމަތު ކުރެވެނީ މުންޑޫ ކައުންސިލްގެ ނައިބް ރައީސް ނަސާފަށް ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ ފިރިހެނަކާއި އަންހެނަކާއި ދެމެދު ހިނގި މާރާމާރީގެ މައްސަލައެއް ތަޙުގީގް ކުރަމުންދާ ކަމަށެވެ. ތަޙްގީގް ކުރަމުންދާ މައްސަލައެއް ކަމަށްވާތީ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށް ފުލުހުން ބުންޏެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އަންހެން މީހާގެ ބޮލަށް ވަނީ އަނިޔާލިބިފައެވެ. އެނާ އަށް އެންމެ ފުރަތަމަ ފަރުވާދިނީ މުންޑޫ ސިއްހީ މަރުކަޒުންނެވެ. ބޮލަށް ލިބިފައިވާ އަނިޔާތަކުގެ ސަބުބުން ސިއްހީ މަރުކަޒުން އިތުރު ފަރުވާދިނުމަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމަށް ލާފާ ދިނުމުން އެ އަންހެން މީހާއަށް މިހާރު ދަނީ ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުނެވެ.
މިކަމާއި ގުޅިގެން ގަމު ރީޖަނަލް ހޮސްޕިޓަލްގެ ބަހެއް ވަނީ ލިބޭ ގޮތް ނެވެފައެވެ.
ގާތްގަނޑަކަށް 200 މީހުން ދިރިއުޅޭ މުންޑޫގައި ޕޮލިސް ސްޓޭޝަނެން ނުހުރެއެވެ.