އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ހަ މީހެއްގެ މައްޗަށްކުރާ ޝަރީއަތުގެ އަޑުއެހުމެއް ހޯމަ ދުވަހަށް ތާވަލު ކޮށްފިއެވެ.
މައްސަލައިގެ އަޑުއެހުން ތާވަލު ކޮށްފައިވަނީ ހޯމަ ދުވަހުގެ 15:00 އަށެވެ. މީގެ ކުރިން ބޭއްވި މިމައްސަލާގައި ބޭއްވި އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ކޮށްގެންނެވެ.
ޔާމީންގެ މަރުގެ މައްސަލާގައި، ތޫނުއެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާ ހަ މީހުންގެ ޝަރީއަތް ހޯމަ ދުވަހު ކްރިމިނަލް ކޯޓްގައި ތާވަލުކޮށްފައިވާއިރު އެމީހުންނަކީ ހ އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ އިރާސްމިކްގޭ އަހުމަދު ޒިހާން އިސްމާއީލާއި ގދ ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާންއާއި މ ކުދެހިގޭ ހަސަން ޝިފާޒްއާއި މ ޠާއިފް އިސްމާއީލް ރަޝީދުގެ އިތުރުން މ ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދު އެވެ.
ޔާމީން މަރާލާފައިވަނީ 2017 ވަނަ އަހަރުގެ އެޕްރީލު މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރުއެވެ. އޭނާ މަރާލާފައި އެއްލާލާފައި އޮތީ އޭނާ ދިރިއުޅެމުން ގެންދިޔަ ގޭގެ ސިޑިގޮޅި ތެރެއަށެވެ. ޔާމީންގެ ހަށިގަނޑުގެ އެކި ތަންތަނުގައި 35 ޒަޚަމެއް ހުރިއިރު އެންމެ ގިނަ ހަމަލާތައް އަމާޒުކޮށްފައިވަނީ ޔާމީންގެ މޭ މައްޗަށެވެ.
ހިތާ ދިމާލުން ފުންކޮށް 14 ފަހަރު ތޫނު އެއްޗެއް ހަރާލާފައިވެއެވެ. މޫނު މައްޗަށާއި ބޮލަށް ވެސް ތޫނު އެއްޗަކުން ހަމަލާ ދީފައިވެއެވެ. ކަނާތު ފައިގެ ފަލަ މަސްގަނޑާއި ބުރަކަށި ވެސް ފުންކޮށް ޒަހަމުކޮށްލާފައިވެއެވެ.
ޔާމީންގެ އާއިލާއިން ވަނީ ޔާމީންއަށް އިންސާފް ލިބުމުގައި ލަސްވަމުންދާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.