މާލޭގައި އަންހެން ކުއްޖަކު ރޭޕް ކުރިކަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ބުދަ ދުވަހު ޕޮލިހަށް ހުށަހެޅި، ރޭޕް ކުރި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން އުމުރުން 34 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫއިންނެވެ.
މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސްޖަހާފައިވާކަން ފުލުހުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
އެމީހަކީ ކާކުކަމެއް އަދި ހައްޔަރު ކުރީ ކޮންތާކުން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެނގިފައިވާގޮތުގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވަނީ ކުރެހުމުގެ މަސައްކަތް ކުރަމުން އަންނަ ހަސަން ފާއިޒް އެވެ.
އަންހެން ކުއްޖާ ރޭޕްކޮށްފައި ވަނީ އާޓް މަސައްކަތް ކުރާ ސްޓޫޑިއޯއަކަށް ޕްރޮޖެކްޓެއް ހަދަން ދިއުމުން ކަމަށާއި އެ ކުއްޖާ ރޭޕްކުރުމަށް ފަހު، އެ ވާހަކަ ނުދެއްކުމަށް ފައިސާ ހުށަހެޅި ކަމަށް އެއަންހެން ކުއްޖާ ވަނީ ބުނެފައެވެ. އެ ކުއްޖާ ވަނީ ފުލުހުންނަށް އެ މައްސަލަ ހުށަހަޅައި، ވަރަށް ތަފްސީލުކޮށް ބަޔާން ދީފައެވެ. އަދި ފުލުހުން ވަނީ އެ ކުއްޖާގެ ހަށިގަނޑުން ފޮރެންސިކް ތަހުލީލުތަކަށް ސާމްޕަލްވެސް ނަގައިފައެވެ.