އިންޑިއާގައި ތިބި ދެ ބެލެނިވެރިޔެއްގެ ވިސާ ބާތިލްކޮށް، އެ ޤައުމުން ފުރުމަށް ކުއްލި ގޮތަކަށް ފުލުހުން އަންގައިފި އެވެ.
ރާއްޖެ.އެމްވީއަށް އެނގިފައިވާ ގޮތުގައި ޑިޕެންޑެންޓް ވިސާ ބާތިލްކޮށް، ޤައުމަށް ފުރުމަށް އެ ދެ ބެލެނިވެރިންނަށް އަންގާފައި ވަނީ މި ޖެނުއަރީ މަހުގެ ތެރޭގަ އެވެ. މި ދެ ބެލެނިވެރިންނަކީ ވެސް ގިނަ ދުވަސްތަކެއް ވަންދެން އެ ޤައުމުގައި އުޅެމުން އަންނަ ދެ ބެލެނިވެރިންނަށްވާއިރު، އެ މީހުންގެ ވިސާ ބާތިލްކޮށް ޤައުމަށް ވަގުތުން ފުރުމަށް އަންގާފައިވަނީ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަށް ފަހުގައިކަން އެނގިފައިވެއެވެ.
ރާއްޖެ.އެމްވީއަށް މައުލޫމާތުދިން މީހަކު ބުނިގޮތުގައި ކުއްލި ގޮތަކަށް ފުރުމަށް އެންގުމުން އެކަން އެގޮތަށް ކުރަން އުނދަނގޫވެ އެކި އިދާރާތަކުގައި އާދޭސްކުރުމުން އެއް ބެލެނިވެރިޔަކު ފުރުމަށް 8 ދުވަސް އަދި އަނެއް ބެލެނިވެރިޔަކު ފުރުމަށް 10 ދުވަސް ވަނީ ދީފަ އެވެ. ނަމަވެސް ވިސާ ބާތިލް ކުރި ސަބަބެއް އެއްވެސް ތަނަކުން ހާމަކޮށްފައިނުވާ ކަމަށް އޭނާ ބުންޏެވެ.
ރާއްޖެ.އެމްވީއާ މައުލޫމާތު ހިއްސާކުރި މީހާ ބުނިގޮތުގައި އެ ދެ ބެލިވެރިންނަކީ ވެސް ބަރާބަރަށް ވިސާ އައުކޮށްގެން އުޅޭ ދެ ބެލެނިވެރިންނެވެ. އަދި ދެ ބެލެނިވެރިންގެ ވެސް 16 އަހަރު ނުވާ ކުދިން އިންޑިއާގައި ކިޔަވަން ތިބޭ ކަމަށް އޭނާ ބުންޏެވެ.
ކުއްލިގޮތަކަށް ބެލެނިވެރިންގެ ވިސާތައް ބާތިލްކުރަމުންދިއުމާއި ގުޅިގެން ބެލެނިވެރިން ބޮޑު ބިރެއްގައި ތިބިކަން ފާހަގަކޮށް، އެ ފަރާތުން ބުނީ އެކަމުގައި ގިނަ ބަޔެއްގެ ކަންބޮޑުވުން އިންޑިއާ ސަފީރާ ވެސް ހިއްސާކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މައްސަލައަށް ހައްލެއް ހޯދައިނުދެވޭއިރު، ހުރިހާ ބެލެނިވެރިން ވެސް ތިބީ ކޮންމެ ވަގުތެއްގައިވެސް ފުރަންޖެހިދާނެކަމުގެ ބިރުވެރިކަމުގެ ތެރޭގައިކަމަށް އޭނާ ބުންޏެވެ.
އިންޑިއާގައި ތިބޭ ގިނަ ބެލެނިވެރިން ތިބެނީ ޑިޕެންޑެންޓް ވިސާގަ އެވެ. މިކަމާއި ގުޅެގޮތުން ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. ނަމަވެސް ސަފީރު އަހުމަދު މުހައްމަދު މީގެކުރިން ރާއްޖެ.އެމްވީއަށް ވިދާޅުވީ ވިސާ ދޫކުރުމުގެ އުސޫލަށް ބަދަލެއް ގެނެސްފައިވާކަން އެ ޤައުމުގެ އިދާރާތަކުން އަންގާފައިނުވާ ކަމަށެވެ. އަދި ވިސާގެ ގިނަ މައްސަލަތަކެއް ޖެހި، ދިވެހިންގެ ގިނަ ޝަކުވާތަކެއް ލިބެމުން އަންނަ ކަމަށް ސަފީރު ވިދާޅުވި އެވެ.
ދިވެހިންނަށް ވިސާގެ މައްސަލަތައް ޖެހެންފަށާފައިމިވަނީ، ސަރުކާރުން ޗައިނާއާއެކު ގާތް ގުޅުންތަކެއް ބާއްވައި، އަވައްޓެރި އިންޑިއާ ރުޅި އަރުވާލާފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން އިންޑިއާގެ ނޫސްތައް ބުނާގޮތުން ޗައިނާއެކު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު އިންޑިއާ ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެފައެވެ.