ޖަލަށް ލާފައިވާ ކުރީގެ ނައިބުރައީސް އަޙުމަދު އަދީބަށް ބޭސްފަރުވާގެ ފުރުޞަތު ފަހިކޮށްދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމް ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސިނާން ވިދާޅުވެއްޖެއެވެ.
އާދީއްތަ ދުވަހު ސިނާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދީބުގެ ބޭސްފަރުވާއަށް ފުރުޞަތު ފަހިކޮށްދިނުމަކީ ދައުލަތުގެ މައްޗަށް އޮތް އިޚުތިޔާރެއް ނޫން ކަމަށާއި، އެއީ މިހިނދުން މިހިނދަށް ކޮށްދިނުން ދައުލަތުގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ.
ސިނާން އިތުރަށް ވިދާޅުވީ، އަނެކާގެ މައްޗަށް އިހުސާންތެރިވުމަކީ ނިކަމެތި ކަމުގެ ސިފައެއް ކަމުގައި ދެކިގެން ނުވާނެ ކަމަށެވެ.
Adheeb ge beys faruvaa ah furusathu fahi koh dinumakee daulathuge machah oi ihthiyaa reh noon, ekamaku eh ee mihi dun, mihin dah daulathuge mah chah laazim kameh. Anekaa ge mahcha ihusaan theri vumakee nikamethi kamuge sifa eh kamugai deki gen nuvaane.
— Abdulla Sinan (@MPAbdullaSinan) January 7, 2018
މީގެ ކުރިން، ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އެކިއެކި ސިޔާސީ ބޭފުޅުންނާއި، އާންމުންގެ ގިނަ ބަޔަކުވެސް ވަނީ އަދީބުއަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.
އަދީބުގެ ސިއްހީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވާއިރު ލޮލަށް ގްލޮކޯމާ ޖެހިފައިވާ ކަމަށާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް އާއިލާ އާއި ވަކީލުން ބުނެއެވެ.
އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފައެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބު ފިއްލަވާފާނެ ކަމަށާއި، އަދީބު ފިއްލަވައިފި ނަމަ ދައުލަތަށް ލިބެން ޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ. އަދީބުގެ ފަރާތުން ދައުލަތަށް ފައިސާތަކެއް ލިބެން ޖެހޭ ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް، ދައުލަތަށް އަދީބު އެއްވެސް މިންވަރަކަށް ފައިސާ ދައްކަން ޖެހޭ ކަމަށް ރާއްޖޭގެ އެއްވެސް ޝަރުޢީ ކޯޓަކުން ޙުކުމެއް ކޮށްފައެއް ނުވެއެވެ.
އަދީބުގެ ވަކީލުން ވިދާޅުވަމުން އަންނަ ގޮތުގައި، މީހަކު ކޮށްފާނެ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމެއްގެ މައްޗަށް ބިނާކޮށް، އެފަދަ ނިންމުމެއް ނިންމުމުގެ ގާނޫނީ ހައިސިއްޔަތެއް ސަރުކާރަށް ލިބިގެންނުވެއެވެ. އަދީބުގެ ބޭސްފަރުވާގެ ހައްގު ނިގުޅައިގަނެފައި ވަނީ ގާނޫނު އަސާސީއާއި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފަށް ކަމަށް ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.