މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ފަހު ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ރިޔާސީ ބަޔާން އިއްވުން ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އޮންނާނެ ކަން ރައްޔިތުންގެ މަޖިލީހުން މެމްބަރުންނަށް އަންގައިފި އެވެ.
މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނެކަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ގައުމުގެ ހާލަތު ބަޔާން ކޮށްދެއްވައި، އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލް ޖުމްހޫރިއްޔާ އިއްވަވަންޖެހެއެވެ.
މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ ފަހެއްވާ ހޯމަ ދުވަހުގެ 10.00 ގަ އެވެ.
ރައީސް ޔާމިންގެ ރިޔާސީ ބަޔާން އިއްވެވުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިދިޔަ އަހަރު ބޭއްވި ދަރުބާރުގޭގަ އެވެ. މި އަހަރު އޮންނާނީ ކޮންތާކުކަމެއް މެމްބަރުންނަށް އަންގަވާފައެއް އަދިނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އާ ދައުރަކަށް ފެށޭއިރު ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަަރުކާރާ ދެކޮޅު ގިނަ މެމްބަރުންތަކެއްގެ މައްޗަށް ވަނީ ޖިނާއީ ދައުވާތަކެއްް އުފުލާފަ އެވެ.