ދައުލަތުގެ މާލީ އިދާރާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑިރެކްޓަރުންގެ ބޯޑަށް ހޮޓެލް އެންޑް ރިސޯޓްސް (އެޗްއާރުސީ) ގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު އަދި ހެޕީ މާކެޓްގެ ޖީއެމް ކެޕްޓަން އަލީ އިހުސާން އައްޔަން ކުރައްވައިފި އެވެ.
އަލީ ޖަނާހް އާއި އިހްސާން އައްޔަން ކުރައްވާފައިވަނީ ޕްރައިވެޓް ސެކްޓާ ތަމްސީލް ކުރައްވާ ބޭފުޅުންގެ ގޮތުގަ އެވެ.
ޖަނާ އަކީ ކޮންސްޓްރަކްޝަން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޖަނާއަކީ އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަން ޕެސިފިކް ކޮންޓްރެކްޓާރސް އެސޯސިއޭޝަންސް (އިފޮޕްކާ) ގެ ނާއިބް ރައީސެވެ. އަދި އޭނާ ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ކުރީގެ ރައީސްކަން ވެސް ކުރައްވާފަ އެވެ.
އިހްސާން އަކީ ރާއްޖޭގެ އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ ހެޕީ މާކެޓުގެ ޖެނެރަލް މެނޭޖަރެވެ. ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ދީދީގެ ދަރިކަލުންނެވެ. އޭނާ އަކީ ސިފައިންގެ ގޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
އެމްއެމްއޭގެ ބޯޑުގައި މީގެ އިތުރުން މިހާރު ތިއްބަވަނީ ގަވަރުނަރު އަހުމަދު ނަސީރުގެ އިތުރުން އެސިޓެންޓް ގަވަރުނަރު އިދުހާމް ހުސެއިން އާއި ޑެޕިއުޓީ ގަވަރުނަރު އައިޝަތު ޒާހިރާ އާ ފިނޭންސް މިނިސްޓްރީގެ ޑިރެކްޓަރު އަބްދުލް ހަލީމް އަބްދުލް ގަފޫރު އެވެ.