ޖަޕާނުގެ ޚާރިޖީ ވަޒީރު ޓާރޯ ކޯނޯ އާއި ރައީސް އަބްދުﷲ ޔާމީން ބައްދަލުކުރެއްވި އިރު، އެކަމަނިކުފާނު އަތްކުރު ގަމީސްކޮޅުގައި ހުންނެވުމުން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ފާޑުވިދާޅުވެއްޖެއެވެ.
ކޯނޯ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ރައީސް ޔާމީނާއި ބައްދަލުކުރެއްވީ ހޮނިހިރު ދުވަހުގެ ރޭ އެމަނިކުފާނު ފުރާވަޑައިގަތުމުގެ ކުރިން މުލީއާގޭގައެވެ. އެ ބައްދަލުވުމުގައި ކޯނޯ ކޯޓް ފަޓުލޫންގައި ރަސްމީކޮށް ހުންނެވިއިރު، ރައީސް ޔާމީން ހުންނެވީ އަތްކުރު ގަމީސްކޮޅެއް ތުރުކުރައްވައިގެންނެވެ.
ރައީސް ޔާމީންނާއި ކޯނޯ އާއި ދެ ބޭފުޅުންގެ ފޮޓޯއެއް އެޓޭޗްކުރައްވައި ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭރު ގައުމުތަކުގެ އިސްބޭފުޅުން ކޯޓް ފަޓުލޫން ތުރުކުރައްވައިގެން ރައީސް ޔާމީން އަރިހަށް ވަޑައިގަންނަވާއިރު، ރައީސް ޔާމީން އަތް ކުރު ގަމީސްކޮޅެއް ތުރުކުރައްވައިގެން ހުންނެވުމުން، އެކަމަކީ ރައީސް ޔާމީން ބޭރުގެ ފަރާތްތަކަށް އިހްތިރާމް ކުޑަކުރެއްވުމަށް ކުރެއްވި ކަމެއް ކަމަށް ދެކޭނެ ބަޔަކު ތިބުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން މިފަދަ ކަންކަމަށް ރައީސް ޔާމީން ސަމާލުވެވަޑައިގަތުމަށް އިލްތިމާސް ކުރައްވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
Beyruge qaumuthakuge isbeyfulhun koatfatloonuga Raees arihah vadaigannavaairu aiykuru gameehuga Raees hunnevumakee ihuthiraam kudakurehvumah kurehvikameh kamah dhekeyne bayaku thibun ekasheegenvey. Mifadhakankamah samaalvumah ilthimaaskuran! pic.twitter.com/tvhsuPq4oe
— Abdulla Riyaz MP (@riyazabdulla) January 7, 2018
މިނިސްޓަރ ކޯނޯގެ އަރިހުގައި ޖަޕާނުގެ ޚާރިޖީ ވުޒާރާގެ އިސް ބައެއް އޮފިޝަލުންނާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަޒޫމީ އެންޑޯ ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުކުރެއްވުމަށް ފަހު ޖަޕާނުގެ ޚާރިޖީ ވަޒީރު ޓާރޯ ކޯނޯ ވަނީ ރާއްޖެއަށް ކުރެއްވި އެއްދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި، ފުރާވަޑައިގެންފައެވެ.