އެމްޑީޕީގައި ހުންނެވުމަށް ފަހު، ޕީޕީއެމްއަށް ބަދަލުވެވަޑައިގެންނެވުމުން ހަދިޔާއެއްގެ ގޮތުގައި 10 މިލިއަން ރުފިޔާ ރައީސް އަބްދުﷲ ޔާމީން ހުށައެޅުއްވި ކަމަށް ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "މިރައީސް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވީ އެމްޑީޕީގައި ހުންނަވަނިކޮށް ޕީޕީއެމްއަށް ގެންދިޔައީ ބިރުދައްކައިގެން ކަމަށެވެ. އަދި ރިސްވަތު ދެއްކިމަށް ބުނެ މީހުން ހައްޔަރުކުރާއިރު، ރައީސް ޔާމީން އޭނާއަށް 10 މިލިއަން ރުފިޔާ ހުށައެޅުއްވި ކަމަށް މުސްތަފާ ވިދާޅުވި އެވެ.
"އަޅުގަނޑު މާތް ﷲ ގަންދީ ހުވާކޮށްފަ، އަޅުގަނޑު މި ހަދަނީ ދޮގެއްވެޖެނަމަ އަޅުގަނޑު މިހާތަނަށް ކުރި ހުރިހާ ހެޔޮކަމަކީ ނެތް ކަމެއް. ރައީސް ޔާމިން އަޅުގަނޑަށް 10 މިލިއަން ރުފިޔާ ރައީސް އޮފީހުގެ ގޮނޑީގައި އޭނާ އާއި އަޅުގަނޑާ ދެ މީހުން ތިބެގެން އަޅުގަނޑަށް ހުށަހެޅި." މުސްތަފާ ވިދާޅުވި އެވެ.
އެއީ ކޮންކަމަކާ ގުޅިގެން ހުށަހެޅި ފައިސާއެއްތޯ ސުވާލުކުރުމުން މުސްތަފާ ވިދާޅުވި، އެ ފައިސާ ހުށަހެޅުއްވީ އޭނާ ޕާޓީ ބަދަލުކުރެއްވުމުން ކަމަށެވެ. އަދި އެއީ ޕާޓީ ބަދަލުކުރެއްވުމުންވީ ގުރުބާނީގެ އަގުގެ ގޮތުގައި ހުށަހެޅުއްވި ފައިސާއެއްކަމަށް މުސްތަފާ ވިދާޅުވި އެވެ. ނަމަވެސް އެ ފައިސާ ނަންގަވާފައިނުވާނެ ކަމަށް މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ ރިސްވަތު ދެއްވިކަމަށް ބުނެ ފާރިސް މައުމޫން ހައްޔަރުކޮށްގެން ގެންގުޅެން ރައީސް ޔާމީން ލަދުގަންނަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
"އަޅުގަނޑު މިއީ ދިރިހުރި އިންސާނެކޭ. އަޅުގަނޑު ކައިރީގައި އިނދެގެންނޭ ވިދާޅުވީ. 10 މިލިއަން ރުފިޔާ މުސްތަފާއަށްދޭނަމޭ. ތިމަންނަ ގަބޫލުކުރަމޭ ތިއީ ވީ ބޮޑު ގުރުބާނީއެއް ކަމަށް." މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާގެ މި ތުހުމަތުތަކާއި ގުޅޭގޮތުން ރައީސް އޮފީހުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.