ކ. މާލެ
|
7 ޖެނުއަރީ 2018 | އާދީއްތަ 18:31
އީރާނުގެ ސަރުކާރާ ދެކޮޅަށް ކުރިއަށްދާ މުޒާހަރާގެ ތެރެއިން
އީރާނުގެ ސަރުކާރާ ދެކޮޅަށް ކުރިއަށްދާ މުޒާހަރާގެ ތެރެއިން
ގެޓީ އިމޭޖަސް
އީރާނުގެ ހަމަނުޖެހުން
އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް ޓްރަމްޕް ކުރައްވާ ތާއީދާއި އެމެރިކާގެ ދެއުޅިއެއްނުވާ ސިޔާސަތު
ޓްރަމްޕް އެ އުޅުއްވަނީ އީރާނުގެ ރައްޔިތުނަށް ހެޔޮ އެދިވަޑައިގަނެގެން ކަމަށް ގަބޫލު ކުރަން ދަތި

ހުސްވި އަހަރު ނިމެމުން ދަނިކޮށް ދުނިޔޭގެ މީޑިއާތަކުގެ ފަލަ ސުރުޚީ ތަކުން ކުއްލިއަކަށް ފެނިގެން ދިޔައީ، އޭގެ ކުރިން އަމާން އޮމާން ކޮށް އޮތް އީރާނުގެ މަގުތަކަށް ރައްޔިތުން ނުކުމެ އީރާނުގެ ސަރުކާރާ މެދު ހިތްހަމަ ނުޖެހޭ ކަން ފާޅު ކޮށް މުޒާހަރާ ކުރަން ފެށި ޚަބަރެވެ.

މުޒާހަރާ ފުރަތަމަ ފެށިގެން އައީ އީރާނުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ މަޝްހަދު ގައެވެ. މަދު މީސްކޮޅަކާ އެކު ފެށުނު މުޒާހަރާ އިސާހިތަކު އީރާނުގެ އެހެން ސިޓީތަކަށް ފެތުރި މުޒާހަރާގެ ބާރު ގަދަވަމުން ދިޔަ މަންޒަރު ފެނުނެވެ. ބުނެވޭ ގޮތުގައި މިއީ 2009 ވަނަ އަހަރު އީރާނުގެ "ގްރީން މޫވްމަންޓް" ހަރަކާތުގެ ތެރެއިން ބޭއްވި މުޒާހަރާ އަށް ފަހު އީރާނުގައި ބޭއްވޭ އެންމެ ބޮޑު މުޒާހަރާއެވެ. މުޒާހަރާގެ ބައިވެރިންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް ދިރާސާ ކުރާ ފަރާތްތަކުގެ ނަޒަރުގައި އީރާނުގެ ނިސްބަތުން އަދިވެސް މިއީ މާ ބޮޑު މުޒާހަރާ އެއްގެ ގޮތުގައި ދަރަޖަ ކުރެވޭ ވަރުގެ މުޒާހަރާ އަކަށް ނުވެއެވެ.

މުޒާހަރާ ކުރާ މީހުން ނުރުހުން ފާޅު ކުރަމުން ގެންދަނީ ފަގީރުކަން ގައުމުގައި ބޮޑުވަމުން ދާ ވާހަކަ އާއި ސަރުކާރުގެ ކަރަޕްޝަން އިތުރު ވަމުންދާތީ އެ އެމީހުން ހިތްހަމަ ނުޖެހޭ ވާހަކަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ހިނގަމުންދާ ބޮޑެތި އެތައް ކަމަކަށް ސަމާލު ކަމެއް ނުދީ އޮތް ހުޅަނގުގެ މީޑީއާ އަށް އީރާނުގައި ފެށި މުޒާހަރާ ވެގެން ދިޔައީ ބޮޑު ކަމަކަށެވެ. އަދި އެއަށް ވުރެ ބޮޑަށް ފާހަގަ ވެގެން ދިޔައީ މުޒާހަރާގެ އެންމެ ބޮޑު ޗިއަރ ލީޑަރުގެ ގޮތުގައި އެމެރިކާގެ ރައީސް ވަރުނެތް ކޮޅަށް މުޒާހަރާގެ ބައިވެރިންނަށް ހިތްވަރު ދެއްވަމުން ގެންދެވުމެވެ. އީރާނުގެ ސަރުކާރާ ދެކޮޅު ފަރާތްތަކަށް ޓްރަމްޕްގެ ބަސްފުޅުތައް ވެގެން ދިޔައީ، ބޮޑު ހިތްވަރަކަށެވެ. ހުއްޓުމެއް ނެތި ޓްރަމްޕް ގެންދެވީ ދަނޑިވަޅަށް އެންމެ އެކަށީގެންވާ ބަސްފުޅުތައް ހިމަނުއްވައިގެން ފުލުފުލުން ޓްވީޓްތައް ކުރައްވަމުންނެވެ. ޓްރަމްޕް ކެނޑިނޭޅި ދެއްވަމުން ގެންދެވި މެސެޖްތަކާ އެކު އުފެދުނު ސުވާލުތައް ވެސް މަދެއް ނޫނެވެ. ރައީސް ޓްރަމްޕަކީ އެމަނިކުފާނުގެ އެ ބަސްފުޅުތަކާ އެއް ގޮތައް އަމަލުފުޅުތައް ބަހައްޓަވާ އިޚްލާސްތެރި ބޭފުޅެއްތޯ ކުރެވުނު ސުވާލަކީ މިކަމުގެ އެންމެ މުހިންމު އެއް ސުވާލެވެ. އެމެރިކާގެ ރެކޯޑްތަކަށް ބަލާއިރު، ޓްރަމްޕް އެ އުޅުއްވަނީ އީރާނުގެ ރައްޔިތުނަށް ހެޔޮ އެދިވަޑައިގަނެގެން ކަމަށް ގަބޫލު ކުރަން ދައްޗެވެ.

ވެރިކަމަށް ވަޑައިގަތުމާއެކު އެންމެ ފުރަތަމަވެސް ޓްރަމްޕް އަވަސްވެ ވަޑައިގަތީ މުސްލިމް މެޖޯރިޓީ އޮންނަ ގައުމުތަކުގެ ރައްޔިތުން އެމެރިކާއަށް އެރިޔަ ނުދިމުގެ މަސައްކަތް ފެއްޓެވުމަށެވެ. ޓްރަމްޕް އާއި އެމެރިކާ ސަރުކާރުގެ އިސް ވެރިން އީރާނުގެ ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށާއި، އެ އަނިޔާވެރި ކަމުން އީރާނުގެ ރައްޔިތުން ސަލާމަތް ކުރަން ޖެހޭ ކަމަށް ވިދާޅުވަމުން ގެންދެވި އިރު އީރާނުގެ އަނިޔާވެރި ސަރުކާރުގެ ކިބައިން ސަލާމަތްވެ މިނިވަންކަމާ ޑިމޮކްރަސީ ފައްކާވެފައިވާ އެމެރިކާއަށް އެރުން މަނާ ކުރެވިފައިވަނީ ހަމަ އެކަނި އީރާނުގެ ވެރިންނަކަށް ނޫނެވެ. އީރާނަށް އަދަބު ދެއްވުމުގައި ސަރުކާރެއް އާޢްމު ރައްޔިތުންނެއް ރައީސް ޓްރަމްޕް ތަފާތު ކުރައްވާފައެއް ނުވެއެވެ.

އެމެރިކާއަށް ފަހުގެ ތާރީޚްތަކުގައި ކުރިމަތިވި ކަމަށް ބުނާ އެއްވެސް ޓެރަރިސްޓް ހަމަލާއަކާ އީރާނާ އެއްވެސް ގުޅުމެއް އޮތް ކަމެއް އެމެރިކާ ސަރުކާރުން މިހާތަނަށް ހާމަ ކޮށްފައި ނެތް އިރު، އީރާނުގެ ރައްޔިތުންނަށް އެމެރިކާ އަށް ދަތުރު ކުރުމުގައި ޓްރަމްޕްގެ ސަރުކާރުން ދަތިތައް ކުރިމަތި ކުރުވި ސަބަބު ވިސްނައިގަންނަން ދައްޗެވެ. ހަމައެކަނި އީރާނެއް ނޫނެވެ. މުސްލިމް މެޖޯރިޓީ އޮތް ގައުމަކަށް ނިސްބަތްވާ ނަމަ އެއޮތީ އެ ގޮޅިއަށް އެމީހަކު ފެތިފައެވެ. އެހެން ކަމުން ސަރުކާރަކުން އާއްމުންނާ ދެކޮޅަށް މިހާތަނަށް އެޅި އެންމެ ހިތްދަތި ފިޔަވަޅު މުސްލިމުންނަށް ވީތީ އެ އޮތީ އެމެރިކާއިން އަޅާފައެވެ. އެހެން ސަރުކާރެއްގެ ވާހަކަ ދެއްކޭނެ ޖާގަ އެމެރިކާ އަށް އެބައޮތް ތޯއެވެ؟

 

މުޒާހަރާގެ ބައިވެރިންނަށް ހަމްދަރުދީވެ ވަޑައިގެން ޓްރަމްޕް ދެއްކެވި އެއް ވާހަކަފުޅެއްގައި އޮންނަނީ، އީރާނުގެ ސަރުކާރުން އިންޓަރނެޓްގެ ޚިދުމަތައް ހުރަސް އަޅާ މުޒާހަރާގެ ބައިވެރިންނަށް ދަތި ކުރަމުން ގެންދާ ދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމުގައެވެ. އެހެން ޓްރަމްޕް ވިދާޅުވިއިރު އީރާނުގެ ރައްޔިތުންނަށް އެމެރިކާ އިސްވެ އޮވެ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު ތަކުގެ ސަބަބުން އިންޓަރނެޓްގެ ޚިދުމަތުން އީރާނުގެ ރައްޔިތުން މަހްރޫމް ވެގެން ގޮސްފައިވާކަން ހަނދުމަފުޅެއް ނެތެވެ. ދަތި ކުރުމުގެ ފިޔަވަޅު ތަކުގެ ދަށުން ގޫގުލް އިންނާއި އެޕަލް އިން ވަނީ އީރާނުގެ ރައްޔިތުން އުފައްދާފައިވާ އެޕްލިކޭޝަންތައް ނަގާފައެވެ. ޕޭޕާލްގެ ޚިދުމަތް އީރާނުގެ ރައްޔިތުންނަކަށް ނުލިބިއެވެ. އެމޭޒަން، އެޑޯބް ފަދަ އޮންލައިން އެތައް ޚިދުމަތަކުން އީރާނުގެ ރައްޔިތުން މަހްރޫމްވީ އެމެރިކާގެ ސަބަބުން ކަމެއް ޓްރަމްޕަށް އެނގިވަޑައިގަންނަވާހެން ހީއެއް ނުވެއެވެ. އަނެއް ކޮޅުން އެމެރިކާ އާއި އިޒްރޭލް އިސްވެ އޮވެ ފޭސް ބުކް އިން ފަލަސްތީނުގެ ރައްޔިތުންގެ އެކައުންޓްތައް ޑިލީޓް ކުރުވި އިރު އިންޓަނެޓްގެ ޚިދުމަތައް ހުރަސް އެޅުމުގެ ވާހަކަ ކޮބާބާވައޭ ހިތައް ނާރާ ވަރެއް ނޫނެވެ.

އީރާނުގެ "ސުލްހަވެރި" މުޒާހަރާގެ ބައިވެރިނަށް ހުރަސް އެޅުމަށް އީރާނުގެ ސަރުކާރުން މަސައްކަތް ކުރާތީ އެކަން ކުށްވެރި ކުރައްވާ ޓްރަމްޕް ވާހަކަފުޅު ދެއްކެވި އިރު، މިސްރުގެ މުޒާހަރާތައް މައިތިރި ކުރަން އަބްދުލް ފައްތާހު ސީސީގެ ފުލުހުންނާއި ސިފައިން ހިންގާ އަމަލުތައް ޓްރަމްޕަށް ބަރާބަރެވެ. ފިލިޕީންސްގެ ރައީސް ޑުޓާޓޭ އެ ގައުމުގެ ރައްޔިތުންނާ މެދު ކަން ކުރައްވާ ގޮތާ މެދުވެސް ޓްރަމްޕް ހުންނެވީ ހިތްޕުޅު ހަމަޖެހި ވަޑައިގެން ކަމަށް ފެނެއެވެ. އަނެއް ކޮޅުން އެމެރިކާގެ ތާއީދާ އެކު ސައުދީ އަރަބިއްޔާ އިން އިސްވެ އޮވެ ޔަމަނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެ ގައުމުގެ އެތައް ހާސް އާއްމު ރައްޔިތުންނަށް ލިބެމުންދާ އަނިޔާ އަކީ ވެސް މައްސަލައެއް ނޫނެވެ.

 

މިކަންކަން މިހެން ހުރި އިރު ރައީސް ޓްރަމްޕްގެ ބަސްފުޅު ތަކަކީ އީރާނުގެ ރައްޔިތުންނަށް ހެޔޮ އެދިވަޑައިގެން ދައްކަވާ ވާހަކަފުޅު ތަކެއް ކަމަށް ބެލުމަކީ އުނދަގޫ ކަމެކެވެ. އެއާ ޚިލާފަށް އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ ވަދެ އެމެރިކާގެ ނުފޫޒު އީރާނުގެ މައްޗަށް އޮންނާނެ ގޮތަކަށް މައްސަކަތް ކުރަމުންދަނީ އެމެރިކާގެ ޑީ.އެން.އޭ ގައި އެ ސިފަ އެގޮތައް ހުރުމުން ކަމަށް ބެލޭނެ ޖާގަ އެބައޮތެވެ.

އެމެރިކާގެ ތާރީޚަށް ބަލާއިރު އެ ގައުމަކީ ރުހޭ ކޮންމެ ވެރިކަމެއް ދެމެހެއްޓުމާއެކު ނުރުހޭ ވެރިކަމެއް ނަމަށް ވައްޓާލުމަށް މަސައްކަތް ކޮށްފައިވާ ގައުމެކެވެ. އެމެރިކާގެ މަގްސަދަކީ ކޮންމެހެން ޑިމޮކްރަސީ ކުރިއެރުވުމާއި ރައްޔިތުން ބާރުވެރި ކުރުވުން ކަމަށް ބެލުމަކީ މާޒީގައި ފެނިފައިވާ ހަގީގަތްތަކަށް ބުރަވެ ހުރެ ގަބޫލު ކުރަން ދަތި އުނދަގޫ ކަމެކެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް