ހއ ދިއްދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން އިތުރު މަގެއްގައި ތާރު އަޅައި ނިންމާލައިފި ކަމަށް އެމަސައްކަތް ކުރަމުންދާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އިން ބުނެފިއެވެ.
އެކުންފުނިން އާދީއްތަ ދުވަހު ބުނެފައިވަނީ ތާރުއަޅާ ނިންމާލެވިފައިވަނީ ދިއްދޫ ނަފާ މަގުގައި ކަމަށެވެ. މިއީ 500 ފޫޓް ދިގު 10 ފޫޓް ފުޅާ މަގެކެވެ.
ދިއްދޫ ކައުންސިލްގެ ރައީސް ޢަލީ ހާޝިމް ރާއްޖެ އެމްވީއަށް ވިދާޅުވީ ދިއްދޫ ނަފާ މަގުގައި ތާރުއަޅާ ނިންމާލާފައިވާ ކަމަށާއި އެމަގާއެކު ޖުމްލަ 8 މަގުގައި މިހާރު ތާޅު އަޅާފައިވާ ކަމަށެވެ.
ހާޝިމް ވިދާޅުވީ މީގެ 3 އަހަރު ކުރިން ފަށާފައިވާ އެމަޝްރޫޢުގައި ފުރަތަމަވެސް އެރަށަށް ގެނައީ ތާރު ފީފާތައް ކަމަށާއި 2016 ވަނަ އަހަރު ޢަމަލީ މަސައްކަތް ފެށިއިރު ތާރު އަޅަން ފަށާފައިވަނީ މިދިޔަ 2017 ވަނަ އަހަރުގެ މެދު ތެރޭގައި ކަމަށެވެ.
ޖުމްލަ 14 މަގެއްގައި ތާރު އެޅުމަށް ހަމަޖެހިފައިވާއިރު ތާރުއަޅައި ނިންމާނެ ކަމަށް ސަރުކާރުން ކަނޑައަޅާފައިވަނީ މިދިޔަ 2017 ވަނަ އަހަރުގެ އޯގަސްޓް މަހުކަމަށް ވެސް ހާޝިމް ވިދާޅުވިއެވެ. އަދި 14 މަގުގެ ތެރެއިން 8 މަގެއްގައި ތާރު އަޅާފައިވާއިރު މިހާތަނަށް ތާރު އަޅާފައިވަނީ ކުދި މަގުތަކާއި ގޯޅިތަކުގައި ކަމަށް ވެސް ހާޝިމް ވިދާޅުވިއެވެ. އެގޮތުން އެރަށުގެ ބޮޑު މަގުގެ ގޮތުގައި ބަލާ ޝާރިއުލް އަމީން މަގުގައި އަދި ތާރު އަޅަން ނުފަށާކަން ހާޝިމް ފާހަގަ ކުރެއްވިއެވެ.
ހާޝިމް ވިދާޅުވީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ދަނީ ވަރަށް ފެންވަރު ދަށްކޮށް ކަމަށާއި ތާރު މިކްސިންއާއި މަގުތަކުގައި އަޅާ ތާރު ފަށަލައާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެކަން ދާދިފަހުން އެރަށަށް ވަޑައިގެންނެވި ސަރުކާރުކާރުގެ މިނިސްޓަރ ފެންވަރުގެ އިސްބައެއް ބޭފުޅުން ވެސް ފާހަގަ ކުރެއްވިކަމަށް ހާޝިމް ވިދާޅުވިއެވެ.