ކ.ކާށިދޫ ކައުންސިލްގެ ކުރީގެ ރައީސް އީސާ ހަލީލު، އެރަށު ފަޅުތެރޭގައި އޮތް ޑިންގީއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ކައުންސިލްގެ ރައީސް އަލީ ސުލްތާން "ރާއްޖެއެމްވީ" އަށް ވިދާޅުވި ގޮތުގައި އީސާ ހަލީލު މަރުވެފައި އޮއްވާ ފެނުނީ މިއަދުގެ މެންދުރު ފަހު 2:45 ހާއިރު ކަމަށެވެ. އޭނާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ސުލްތާން ވިދާޅުވި އެވެ. އީސަ މަރުވެފައި އޮތް ޑިންގީއަކީ އޭނާގެ އަމިއްލަ ޑިންގީއެކެވެ.
ކާށިދޫން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި މިއަދު ވެސް އީސަ ޓޫރިސްޓުން ގޮވައިގެން މޫދަށް ދިޔަ ކަމަށާއި ޑިންގީ އަޅަން އޭނާ ދިޔައީ ޓޫރިސްޓުން ބޭލުމަށް ފަހު ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ކ. ކާށިދޫ ބަނދަރު ތެރޭގައި އޮތް ޑިންގޭއެއްގެ ތެރެއަށް ވެއްޓުނު މީހަކު އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު 3:00 ހާއިރު ލިބިފައިވާ ކަމަށާއި އެ މީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
އުމުރުން 57 އަހަރުގެ އީސަ މަރުވެފައި އޮއްވާ ފެނުނީ ޑިންގީގެ ޑެގް މަތީގައި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
އީސަ ވަނީ 2011 ވަނަ އަހަރު ބޭއްވި ރަށު ކައުންސިލް އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ. އަދި ދެ ވަނަ ދައުރަކަށް އޭނާ އިންތިހާބުވެ ކައުންސިލްގެ ރައީސްކަން ކުރެއްވި އެވެ. ތިން ވަނަ ދައުރަކަށް އޭނާ މިދިޔަ އަހަރުގެ ބޭއްވި ކައުންސިލް އިންތިހާބުގައި ވެސް ވާދަ ކުރެއްވި އެވެ.