އިންޑިއާގެ ޚާރިޖީ ސިޔާސަތެއް ކަމަށްވާ 'ނެއިބަރހުޑް ފަސްޓް' ސިޔާސަތަށް އެންމެ ރަނގަޅު ގޮތަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްެޖެއަށް ޒިޔާރަތް ކުރެއްވުންކަމަށް އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު އަހުމަދު ވިދާޅުވެ، އިންޑިއާގެ ޚާރިޖީ ސިޔާސަތަަށް ފާޑުވިދާޅުވެއްޖެއެވެ.
ސަފީރު އަހުމަދު މުހައްމަދު މިހެން ވިދާޅުވެފައި މިވަނީ އިންޑިއާގެ ދަ ޓްރައިބިއުންއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ޓްރައިބިއުންގެ ސްމިތާ ޝަރްމާއަށް ދެއްވި އިންޓަވިއުއެއްގައި އަހުމަދު މުހައްމަދު މިހެން ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ފިޔަަވައި ދެކުނު އޭޝިއާގެ ހުރިހާ ޤައުމަކަށް ޒިޔާރަތް ކުރައްވާފައިވާއިރު، ރާއްޖެއަށް ޒިޔާރަތް ނުކުރެއްވުމުން ދެޤައުމުގެ ގުޅުމާއިމެދު އެބުނެވެނީ ކީކޭތޯ ދެންނެވުމުންނެވެ. އެންމެ ފުރަތަމަ އެސުވާލުގެ ޖަވާބަކަށް އަހުމަދު މުހައްމަދު ވިދާޅުވީ އިންޑިއާގެ ޚާރިޖީ ސިޔާސަތާއި ބެހޭ ގޮތުން އެއްޗެއް ވިދާޅުވާން ބޭނުންފުޅުނުވާ ކަމަށެވެ. އަދި އިންޑިއާއިން އަވަށްޓެރިންނަށް އިސްކަންދިނުމުގެ ސިޔާސަތަށް އަމަލުކުރާނެ ކަމަށް އުއްމީދުކުރައްވާކަމަށާއި، މޯދީ ރާއްޖެއަށް ޒިޔާރަތްކުރައްވަން ބޭނުންފުޅުވަ ވަގުތެއްގައި ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް މަރުހަބާ ކިޔާނެކަމަށް އަހުމަދު މުހައްމަދު ވިދާޅުވިއެވެ.
ސަފީރުގެ މިޖަވާބާއި ގުޅިގެން ޓްރައިބިއުންގެ ނޫސްވެރިޔާ އެހީ "އިންޑިއާއިން ރާއްޖެއާއިމެދު ހިތްހަމަ ނުޖެހުނީ އިދިކޮޅު ފަރާތްތަކާއި މެދު ސަރުކާރުން އަމަލުކުރާ ގޮތާއި އަދި ރައީސް ނަޝީދު ހައްޔަކުރެވުނު ގޮތުން ކަމަށް ނޫންތޯ"އެވެ.
ޖަވާބުގައި ސަފީރު ވިދާޅުވީ އެފަދަ ކަންކަން ކުރިން ހިނގާފައި އެބަހުރި ކަމަށާއި، އެހެން ނަމަވެސް މޯދީ ރާއްޖެއަށް ކުރައްވަން އޮތް ދަތުރުފުޅު ކެންސަލް ކުރެއްވީ އެސަބަބާއި ހުރެކަން އިންޑިއާއިން އަންގާފައިނުވާ ކަމަށެވެ. އަދި އިންޑިއާގެ 'ނެއިބަރހުޑް ފަސްޓް' ސިޔާސަތަށް އެންމެ ރަނގަޅު ގޮތަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްެޖެއަށް ޒިޔާރަތް ކުރެއްވުން ކަމަށް ސަފީރު އަހުމަދު މުހައްމަދު ވިދާޅުވިއެވެ.
މި އިންޓަވިއުގައި ޓްރައިބުންއިން ވަނީ ދާދިފަހުން އިންޑިއާ ސަފީރާއި ބައްދަލު ކުރި މައްސަލައިގައި ސަސްޕެންޑް ކުރި ކައުންސިލަރުންނާއި ބެހޭ ގޮތުންވެސް ސުވާލު ކޮށްފައެވެ. އަހުމަދު މުހައްމަދު ވިދާޅުވީ ކައުންސިލަރުން އިންޑިއާ ސަފީރާއި ބައްދަލު ކުރެއްވީ އެލްޖީއޭގެ ސަރކިއުލަރ ނެރުނު ފަހުންކަަމަށެވެ.
އެހެން ނަމަވެސް ސަސްޕެންޑް ކުރެވިފައިވާ ގއ އަތޮޅު ކައުންސިލްގެ 3 މެމްބަރުން އެކަން ދޮގުކުރައްވައެވެ.
މީގެ އިތުރުން އިންޑިއާގެ ކިބައިން ރާއްޖެ އެދުނު ކަންކަން އަދިވެސް ނުވާ ކަމަށް ދޭހަވާފަދަ މޭރުމަކުން ސަފީރު ވަނީ ވާހަކަ ދައްކަވާފައެވެ. ސަފީރު ވިދާޅުވީ 2014ވަނަ އަހަރު ރައީސް ޔާމީން އިންޑިއާއަށް ކުރެއްވި ޒިޔާރަތުގައި އެދުނު ބައެއް ކަންކަން އަދިވެސް ނުވާ ކަމަށާއި، އެކަންކަން އަަވަސް ކުރަން ބޭނުންވާ ކަމަށެވެ.
ސަފީރު މިހެން ވިދާޅުވުމުން އިންޑިއާގެ ބަދަލުގައި ޗައިނާއަށް ރާއްޖޭގައި އިންވެސްޓްކުރަން ލިބެނީ އިންޑިއާއިން ކޮށްދޭން ބުނާ ކަންތައް ލަސްވެގެންތޯ އެހުމުން ސަފީރު ވިދާޅުވީ އިންޑިއާއިން އެޤައުމުގެ އަވަށްޓެރިންގެ ބޭނުންތައް ފުއްދައިދިނުމަށް ގެންގުޅޭ ސިޔާސަތާއިމެދު ވިސްނަން ޖެހޭ ކަމަށެވެ.
ރާއްޖެއާއި ޗައިނާއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއެކުރެވިފައިވާއިރު، އެންމެ ފުރަތަމަ އެފަދަ އެއްބަސްވުމެއްގައި ސޮއެކުރާނީ އިންޑިއާއާއިއެކުކަމަށް ރާއްޖެއިން ބުނެފައި، ޗައިނާއާއިއެކު އެފްޓީއޭގައި ސޮއެކުރީ ކީއްވެތޯ އެހުމުން ސަފީރު އަހުމަދު މުހައްމަދު ވިދާޅުވީ އިންޑިއާއާއެކު ވެސް އެފްޓީއޭ ހަދަން ރާއްޖެއިން ތައްޔާރު ކަމަށެވެ. އެހެން ނަމަވެސް އެންމެ ފުރަތަމަ ސޮއެ ކުރާނީ އިންޑިއާއާއިއެކު ކަމަށް ބުނެފައިނުވާނެ ކަމަށާއި، ޗައިނާއާއިއެކު އެފްޓީއޭގައި ސޮއެކުރީ ޗައިނާއިން އަވަހަށް އެފްޓީއޭ ހަދަން ބޭނުން ވުމުންކަަމަށް އޭނާ ވިދާޅުވިއެވެ.
އެފްޓީއޭ ހެދީ ސިއްރުން ނޫން ކަމަށާއި، އިންޑިއާއަށް ވެސް އެނގިގެން ކަމަށް ސަފީރު ވިދާޅުވިއެވެ.
އިންޑިއާގެ ޚާރިޖީ ސިޔާސަތަށް ފާޑުވިދާޅުވެ، ސަފީރު އަހުމަދު މުހައްމަދު ވާހަކަ ދައްކަވާފައިމިވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ބޭރުގެ ޤައުމުތަކުން ބެހޭ ކަމަށް ބުނެ ސަރުކާރާއި ރައީސް ޔާމީން އިންޑިއާއަށާއި ހުޅަަނގުގެ ޤައުމުތަކަށް ތަކުރާރުކޮށް ފާޑުވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.