ޗައިނާގެ ރައީސްގެ ނަންފުޅު ވިދާޅުވާނެ ރަނގަޅު ގޮތް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް އޮޅި ވަޑައިގަތުމުގެ ފުރުސަތު ނުދެއްވުމުގެ ގޮތުން ޓްރަމްޕްގެ މުޝީރުން ހެއްދެވި ގޮތް ހާމަ ވެއްޖެއެވެ.
ޗައިނާގެ ރައީސްގެ ނަންފުޅު އިނގިރޭސި އަކުރުން ލިޔެފައި އޮންނަ ގޮތުން އޮންނަނީ "އެކްސް" އަކުރާއި "އައި" އަކުރެވެ. ނަމަވެސް ޕްރޮނައުންސް ކުރުމުގައި ވިސްނުން ނުބެހެއްޓިއްޖެ ނަމަ ޗައިނާގެ ރައީސްގެ ނަންފުޅު ކިޔާއިރު އަޑު އަންނާނީ އަންނަން ޖެހޭ ގޮތަކަށް ނޫން ކަމަށް ވުމީ މިކަމުގައި ވިސްނާލަން ޖެހޭ ސަބަބެވެ.
ރައީސް ޓްރަމްޕް ހުސްވި އަހަރު ޗައިނާއަށް ކުރެއްވި ތާރީޚީ ދަތުރުފުޅަށް ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދެވި އިރު ޓްރަމްޕްގެ މުޝީރުން އެންމެ ބޮޑަށް ވިސްނަން ޖެހުނު އެއް ކަމަކަށްވީ ރައީސް ޓްރަމްޕަށް ޗައިނާގެ ރައީސްގެ ނަންފުޅު ރަނގަޅަށް ވިދާޅުވާން އެނގިވަޑައި ނުގަތުމުގެ މައްސަލައެވެ. އެހެން ކަމުން ޗައިނާގެ ރަސްމީ ދަތުރުފުޅުގައި ރައީސް ޓްރަމްޕް، ޗައިނާގެ ރައީސް އާ މުޚާތަބް ކުރައްވާ އިރު މިސްޓަރ އެކްސް. އައި. އޭ ވިދާޅުވެދާނެ ކަމަށް މުޝީރުން ތިބީ ވަރަށް ކަންބޮޑުވެފައި ކަމަށް ވެއެވެ. މައްސަލަ ހައްލު ކުރުމަށް މުޝީރުން ޓްރަމްޕަށް އެރުވި ލަފައަކީ ޗައިނާގެ ރައީސް ފެނި ވަޑައިގަތުމުން އެއީ އަންހެން ބޭފުޅެއްގެ ގޮތުގައި ވިސްނުންފުޅުގައި ބެހެއްޓެވުމެވެ. އޭރުން އެއީ "ޝީ" އެވެ. އެއާއެކު "އެކްސް، އައި" މި ދެއަކުރު ޗައިނާ މީހުން އަޑުނެރޭ ގޮތައް "ޝީ" މި އަޑު ނުކުންނާނެ ކަމަށް މުޝީރުން ރައީސް ޓްރަމްޕަށް ދެންނެވިއެވެ.
ޗައިނާ އަށް ރައީސް ޓްރަމްޕް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް ޝީ ގެ ނަންފުޅު ނުބައިކޮށް ރައީސް ޓްރަމްޕަށް ވިދާޅު ވެވިއްޖެ ނަމަ މުޅި ދަތުރުފުޅަށް އެކަމުގެ ހިޔަނި އެޅިގެންދާނެ ކަމަށް ރައީސް ޓްރަމްޕްގެ މުޝީރުން ތިއްބެވީ ވިސްނަވައިގެންނެވެ.
މި ވާހަކަ ހާމަ ކުރީ ރައީސް ޓްރަމްޕްގެ ވެރިކަމުގެ ފަތިފުށް ހާމަކޮށް މި ދިޔަ ހުކުރު ދުވަހު ނެރުނު "ފަޔަރ އެންޑް ފިއުރީ – އިންސައިޑް ދަ ޓްރަމްޕް ވައިޓް ހައުސް" މި ފޮތުގައެވެ.
ފޮތް ލިޔެފައިވަނީ އެމެރިކާގެ ނޫސް ވެރިޔަކު ކަމުގައިވާ މައިކަލް ވުލްފް އެވެ.
ރައީސް ޓްރަމްޕް ވަނީ މި ފޮތުގައިވާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ހަމަ ހިތައް އައިހާ އެއްޗެއްގެ މައްޗަށް ލިޔެފައިވާ ފޮތެއް ކަމަށް ވިދާޅުވެ ވާހަކަ ފުޅު ދައްކަވާފައެވެ.
ފޮތައް އެމެރިކާ ސަރުކާރުން ހުރަސްތައް ކުރިމަތި ކުރަމުން ދަނިކޮށް ހުކުރު ދުވަހު ނެރުނު މި ފޮތައް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ފޮތުގައިވާ ގިނަ މައުލޫމާތަކީ ރައީސް ޓްރަމްޕް ވެރިކަމަށް ގެނައުމަށް މުހިންމު ދައުރެއް އަދާކުރެއްވި އަދި ވެރިކަމުގެ ފުރަތަމަ ކޮޅު ޗީފް ސްޓްރެޓެޖިސްޓްގެ މަގާމުގައި ހުންނަވަނިކޮށް ޓްރަމްޕް މަގާމުން ވަކި ކުރެއްވި ސްޓީވް ބެނަން ދެއްވާފައިވާ މައުލޫމާތު ކަމަށް ބެލެވެއެވެ. ފޮތުގައިވާ ވާހަކަތަކާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން ބެނަން އަށް ފާޑު ވިދާޅުވަމުން ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ ބެނަން އަށް ގެއްލުނު ވަޒީފާ އާއެކު އޭނާގެ ބުއްދިވެސް ގެއްލިގެން ހިނގައްޖެ ކަމަށެވެ.