ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމާއި ގުޅޭ މަޝްވަރާތައް ކަމާބެހޭ އިދާރާތަކުން ފަށައިފި އެވެ.
ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން މިއަހަރުގެ ބަޖެޓުގައި 234 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
މުސާރަ ބޮޑުކުރާނެ ގިންތިތަކެއް ކަނޑައެޅުމުގެ މަޝްވަރާތަކުގައި ބައިވެރިވަނީ ސިވިލް ސަރވިސް ކޮމިޝަނާއި ޕޭ ކޮމިޝަނާއި ރައީސް އޮފީހުގެ އިތުރުން ފިނޭންސް މިނިސްޓްރީއިންނެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ސިވިލް ސަރވިސް ކޮމިޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުސާރަ ބޮޑުކުރުމާއި ގުޅޭ މަޝްވަރާތައް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ މަޝްވަރާއިން ނިމޭ ގޮތެއް ތަފްސީލުތަކާއެކު ފަހުން ހާމަކުރައްވާނެ ކަމަށެވެ.
ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ބަޖެޓުގައި ހިމަނާފައި ވަނީ، މުސާރަ ބޮޑުނުކޮށްގެން މުވައްޒަފުން ޝަކުވާ ކުރަމުންދާތާ އެތައް އަހަރެއް ފަހުންނެވެ. ގާތްގަނޑަކަށް 24،000 މުވައްޒަފުން ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާއިރު، އެ މީހުންގެ މުސާރަތައް ނިސްބަތުން ކުޑަ އެވެ.
މި އަހަރުގެ ބަޖެޓަކީ ސިވިލް ސަރވިސް މުވައްޒަފުންނަށް އުއްމީދީ ބަޖެޓަކަށް ވެގެން ދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވެ އެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ، ސިވިލް ސަރވިސްގެ އޮނިގަނޑު ރަނގަޅު ކުރުމާއި މުވައްޒަފުންނަށް ދެވޭ އިނާޔާތްތައް އިތުރު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
މުސާރަ އާއި އިނާޔަތްތައް ކުޑަވުމުގެ ސަބަބުން ހުނަރުވެރި މުވައްޒަފުން ހޯދުމަށް ދަތިތަކާ ކުރިމަތިވާ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެފައި ވެއެވެ.
މިދިޔަ އަހަރުގެ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ސިވިލް ސަރވިސްގެ މަތީ ގިންތިތަކަށް ހުނަރުވެރި ގާބިލު މުވައްޒަފުން ހޯދުން ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. އަދި ތިބި މުވައްޒަފުން ވެސް ވަޒީފާއިން ވަކިވެގެން ބޮޑު މުސާރަތަކަށް، ދައުލަތުގެ އެހެން ވަޒީފާތަކަށާއި ކުންފުނިތަކުގެ ވަޒީފާތަކަށް ދާ މައްސަލައަކީ ސިވިލް ސަރވިސްއަށް އެންމެ ބޮޑު ހީނަރުކަމެއް ކުރިމަތިވަމުންދާ މައްސަލަ ކަމަށް ވެސް ކޮމިޝަނުން ބުނެފައި ވެއެވެ.
މީގެ ކުރިން ސިވިލް ސަރވިސްގެ މުސާރަ ބޮޑުކުރީ، މީގެ އަށް އަހަރު ކުރިންނެވެ.