ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމުގެ އަމުރަކަށް އެދި ހުށަހެޅި މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުނި ނަމަވެސް، އެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެ ކަމަށް އެމަނިކުފާނުގެ ފަރާތުން ބުނެފި އެވެ.
އިޖުރާއަތުތައް ފުރިހަމަކޮށްފައިވާ ނުވާ ކަމަށް ފާހަގަކޮށް ދައުލަތުން ވަނީ، އަދީބުގެ ބޭސްފަރުވާގެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެފަ އެވެ.
ދައުލަތުން ބުނާ ގޮތުގައި އަދީބު ބޭރަށް ފޮނުވަން ޑޮކްޓަރު ލަފާ ދިނުމުން އެކަން ބެލުމަށްޓަކައި އައިޖީއެމްއެޗްގެ ހާއްސަ ޑިޕާޓްމެންޓަށް ހުށަހަޅާފައި ނެތެވެ. އައިޖީއެމްއެޗްގެ އެ ޑިޕާޓްމެންޓުގެ ދެ ޑޮކްޓަރަކު އެކަން ދިރާސާ ކުރުމަށްފަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މެޑިކަލް ބޯޑަށް ހުށަހަޅާފައި ނެތް ކަމަށް ވެސް ދައުލަތުން ދަނީ ބުނަމުންނެވެ.
މީގެ އިތުރުން، ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް މީހަކު ފޮނުވަން ހުއްދަ ދެނީ މެޑިކަލް ބޯޑުގެ ހުއްދަ ދިނުމަށްފަހު ކަމާއި، އަދި އެކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވެސް ރަސްމީކޮށް ހުއްދަ ދޭންޖެހޭއިރު އެ އިޖުރާއަތު ފުރިހަމަކޮށްފައިނުވާ ކަމަށް ދައުލަތުން ދަނީ ބުނަމުންނެވެ.
ދައުލަތުން ފާހަގަކުރި ނުކުތާތަކަށް އަދީބުގެ ފަރާތުން އާދިއްތަ ދުވަހު ހުށަހެޅި ޖަވާބުގައިވާ ގޮތުގައި، ފުރިހަމަ ނުކޮށް ހުރި ކަމަށް ދައުލަތުން ފާހަގަކުރާ އިޖުރާއަތުތަކަކީ އަދީބު ފުރިހަމަ ކުރަންޖެހޭ އަދި އަދީބަށް ފުރިހަމަ ކުރެވޭނެ އިޖުރާއަތުތަކެއް ނޫނެވެ.
އަދީބުގެ ފަރާތުން ބުނެފައިވަނީ، ބޭރަށް ފޮނުވަންޖެހޭ ކަމަށް ޑޮކްޓަރުން ލަފާ ދިނުމުން އެ އިޖުރާއަތު ފުރިހަމަ ކުރަންޖެހެނީ ކަރެކްޝަނާއި އައިޖީއެމްއެޗްއިން ކަމަށެވެ. އަދީބުގެ ބޭސްފަރުވާގެ ކަންކަން ހިނގަމުންދަނީ އެއްވެސް ކަހަލަ އުސޫލެއް، ހަމައެއް އޮވެގެން ނޫން ކަމަށާއި އެކަމުގައި ހެޔޮ ނިޔަތެއް ނެތް ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، ޑޮކްޓަރުން ދޭ ލިޔުންތައް އަދީބުއާއި އެމަނިކުފާނުގެ އާއިލާ އަދި ވަކީލުންނަށްވެސް ދޫކޮށްފައިނުވާކަން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން، ދައުލަތުން ދައްކާފައިވާ ހުއްޖަތަކީ އަދީބުއަށް ބާރު ފޯރުވޭނެ ފަދަ ކަމަކަށް ނުވާތީ، އެއީ މި މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ނުގެންދިއުމަށް އިޖުރާއީ ގޮތުން ކުރެވޭނެ އިއުތިރާޒެއް ނޫން ކަމަށް އަދީބުގެ ފަރާތުން ބުނެއެވެ.
އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކުގައި ދައުލަތުގެ ހެޔޮ ނިޔަތެއް ނެތްކަން ހާމަވާ ބައެއް ކަންކަން ހިނގާފައިވާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން، އަދީބު އަވަހާރަކޮށްލަން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވަނިކޮށް، އިންޖެކްޝަނެއް ޖަހަން އުޅުނުކަން އަދީބުގެ ފަރާތުން ފާހަގަކުރެއެވެ.
މީގެ އިތުރުން، ހިރަފުހުގެ އަސަރު ނުކުރާ ތަނަކަށް އަދީބު ބަދަލުކުރަން ޑޮކްޓަރުން ލަފާދީފައިވީ ނަމަވެސް، އެފަދަ ތަނަކަށް ބަދަލުކޮށްފައިނުވާކަން ފާހަގަކޮށްފައިވެއެވެ. އަދީބު ބަންދުކޮށްފައިވާ ދޫނިދޫ ގޮޅިއަކީ ހިރަފުހުގެ އަސަރު ނުފޯރާ ތަނެއް ކަމަށް ބެލެވެން ނެތް ކަމަށް ބުނެފައިވެއެވެ.
އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާ ވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައި ވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފައެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބު ފިއްލަވާފާނެ ކަމަށާއި، އަދީބު ފިއްލަވައިފި ނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ.
އަދީބުގެ ވަކީލުން ވިދާޅުވަމުން އަންނަ ގޮތުގައި، މީހަކު ކޮށްފާނެ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމެއްގެ މައްޗަށް ބިނާކޮށް، އެފަދަ ނިންމުމެއް ނިންމުމުގެ ގާނޫނީ ހައިސިއްޔަތެއް ސަރުކާރަށް ލިބިގެންނުވެއެވެ. އަދީބުގެ ބޭސްފަރުވާގެ ހައްގު ނިގުޅައިގަނެފައިވަނީ ގާނޫނު އަސާސީއާއި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފަށް ކަމަށް ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އަދީބުގެ ސިއްހީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވާއިރު ލޮލަށް ގްލޮކޮމާ ޖެހިފައިވާ ކަމަށާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް އާއިލާ އާއި ވަކީލުން ބުނެއެވެ.